ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ކޯލިޝަން ހަދަން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަލާން ޖެއްްސެވި ކަމަށް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމް ހަވާލު ކުރަން ކުނޫޒުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގައި ކޯލިޝަނަށް ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ސަރުކާރުން ކަމެއް ކޮށް ނުދެވެނީ ކޯލިޝަނާ ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އެ ކޯލިޝަން ހޯދަން ސަލާން ޖެއްސެވި ދުވަސް ހަނދާން ނެތުނީތޯ ގާސިމް އެއްސެވި އެވެ.
"ބަލަ އެމަނިކުފާނަށް މިއަދުތޯ އެނގިވަޑައިގަތީ ކޯލިޝަނާ ހެދިކަން... އިހަށް ދުވަހު ކޯލިޝަން ހަދަން ކުރި އާދޭހާއި ޖެހި ސަލާމާ އެއްޗެހި ކޮބައިތޯ؟ ސަރުކާރެއް ލިބިވަޑައިގަތީ ކިހިނެތްކަން އެމަނިކުފާނު ހަނދުމަފުޅު ނެތީތޯ؟" ގާސިމް ވިދާޅުވި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމަކީ ދިވެހި ދައުލަތުގެ ރައްޔިތުންގެ ހަތަރު ލައްކައަށް ވުރެ ގިނަ މީހުންގެ ހައްގުތައް ދެތިން އެމްޑީޕީގެ މެންބަރުންނަށް ބަހާލުމަށް ދެއްވި މަގާމެއް ކަމަށް ރައީސް ނަޝީދު ހީފުޅު ކުރައްވަނީތޯ ވެސް ގާސިމް ސުވާލު ކުރެއްވި އެވެ. އަދި އަދައިގެ މަތީން "މޮޔަފުޅުވީ ކޮން އިރަކުތޯ" ވެސް އެއްސެވި އެވެ.
ރައީސް ނަޝީދު ރައްޔިތުންގެ ހައްގުތަކަށް އަރައި އެ މީހުންނަށް ނިކަމެތިވާ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި އެކަންކަން ކުރައްވާއިރު އިންސާފާއި ގާނޫނުގެ ހުދޫދެއް ވެސް ނެތް ކަމަށާއި އެއްވެސް ކޮޅެއްގައި ނުޖެހޭ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ގާސިމްގެ ވާހަކައިގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑް (އެމްއޭސީއެލް) އިން ޓީއެމްއޭއަށް ސީޕްލޭން ދޭން އުޅުނު މައްސަލާގެ ވާހަކަ ދެއްކި މުއައްޒަފުންތަކެއް ވަކި ކުރި ކަމަށް ހަބަރު ފެތުރުމުން ރައީސް ސޯލިހާއި ސަރުކާރަށް ވެސް ފާޑު ވިދާޅުވި އެވެ. ނަމަވެސް އެމްއޭސީއެލް އިން ވަނީ އެފަދަ ކަމެއް ނުހިނގާ ކަމަށް ބުނެފަ އެވެ.