ދުނިޔެ

ޓްރަމްޕް އިމްޕީޗްމެންޓް: އިތުރު ހެކި ހޯދުމާމެދު ސެނެޓުގައި ހިޔާލުތަފާތުވެއްޖެ

ވޮޝިންގްޓަން (ޖެނުއަރީ 22) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރުމަށް ސެނެޓުގެ ޝަރީއަތް މިއަދު ފެށިފައިވާއިރު، އެކަމަށް އިތުރު ހެކި ހޯދުމަށް އިދިކޮޅު ޑިމޮކްރެޓުން ތަކުރާރުކޮށް ހުށަހެޅި ހުށަހެޅުންތައް ބަލައި ނުގަނެ، ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ ކޮންޓްރޯލްކުރާ ސެނެޓުން ބޭރުކޮށްލައިފި އެވެ.

ޑިމޮކްރެޓުން ހުށަހެޅީ ޓްރަމްޕްގެ ސަރުކާރުގެ މިހާރުގެ އަދި ކުރީގެ ބައެއް އޮފިޝަލުން ހާޒިރުކޮށް ހެކިބަސް ނެގުމަށެވެ. އޭގެ ތެރޭގައި ޓްރަމްޕް އާއި ޔޫކްރެއިންއާ ދެމެދު ހިނގާފައިވާ މުއާމަލާތްތަކާއި މަޝްވަރާތަކުގެ ފައިލްތައް ވެސް ހިމެނެ އެވެ. ނަމަވެސް، ހެކިން ހާޒިރު ކުރުމާއި އިތުރު ހެކި ހޯދުން ފަސް ކުރަން ސެނެޓުން ވަނީ ނިންމައިފަ އެވެ.

އަދި ރިޕަބްލިކަން ސެނެޓަރުންގެ ޕްރެޝަރާހެދި، އަޑުއެހުންތައް އަވަސް ކުރަން ސެނެޓުގެ މެޖޯރިޓީ ލީޑަރު މިޗް މެކޯނަލްގެ ހުށަހެޅުން ވެސް ވަނީ އަނބުރާ ގެންދަވައިފަ އެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރުކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

ނަމަވެސް، ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، އިދިކޮޅުން އުޅެނީ ހިޔާލީ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަންކަމަށް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްގެ ބެއްލެވުމުގެ ދަށުން ސެނެޓުގައި ހަފުތާއަކު ހަ ދުވަހު ހަ ގަޑިއިރަށް އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ. ނަމަވެސް، އެ ޝަރީއަތް ކުރިއަށްދާނީ ކިހާ މުއްދަތަކަށް ކަމެއް ބުނެފައެއް ނުވެ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

ހައުސްގައި ރައީސަކު އިމްޕީޗު ކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރު ކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

އެހެންކަމުން، ރައީސްގެ މަގާމުން ޓްރަމްޕް ދުރު ކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓުގެ ތެރެއިން ވުން ދުރު ކަމެއްކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.