ދުނިޔެ

ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު 440 އަށް، ނުވަ މަރު

Jan 22, 2020

ބެއިޖިންގް (ޖެނުއަރީ 22) - ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ވަރަށް ބާރު މިނުގައި ފެތުރެމުންދާ ކަމަށާއި، އެ ވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު 440 އަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ބުނެފި އެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ.

އެ ވައިރަސް ޖެހިފައިވާ މީހުން، އެމެރިކާ، ޓައިވާން، ތައިލަންޑް، ޖަޕާނު އަދި ދެކުނު ކޮރެއާ އިން މިހާރު ފެނިވައިފާއިރު، ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއްގެ އިއުލާނުކުރުމާމެދު ގޮތެއް ނިންމުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ ކުއްލި ބައްދަލުވުމެއް މިއަދު ވަނީ ތާވަލުކޮށްފަ އެވެ.

ޗައިނާގެ އެކި ހިސާބުތަކުގައި ހުރި އެއާޕޯޓުތަކާއި ޓްރެއިން އަދި ބަސް ސްޓޭޝަންތަކުގައި މީހުން ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައިވާއިރު، 2002 ވަނަ އަހަރު އެ ގައުމުން ފެތުރެންފެށި ސާސް ރޯގާ އާ އެއް ދަރަޖައެއް ޗައިނާ ސަރުކާރުން ވަނީ ކަނޑައަޅައިފަ އެވެ.

ސާސް ރޯގާ 2002 ވަނަ އަހަރު ފެތުރެން ފުރަތަަމަ ފެށީ ދެކުނު ޗައިނާގަ އެވެ. އެ ރޯގާގައި އެ ފަހަރު ވަނީ މުޅި ދުނިޔޭން 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.