ހަބަރު

5،000 މީހުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތަކެއް އަތޮޅުތެރޭ

އަތޮޅު ތެރޭގައި ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތަކެއް ހިންގުމަށް އިކޮނޮމިކް މިނިސްޓްރީި އާއި މޯލްޑިވްސް ޕޮލިޓެކްނިކް އާ ދެމެދު އެއްބަސްވެއްޖެ އެވެ.

5000 މީހުން ތަމްރީން ކުރުމުގެ މި ޕްރޮގްރާމް ކުރިއަށްގެންދަނީ ހިލޭ އެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ، ހިލޭ ޕްރޮގްރާމްތައް ކުރިއަށްގެންދިޔަ ކަމުގައިވިޔަސް އެންމެ އެކަށޭނަ ތަރުހީބު އާއްމުންގެ ފަރާތުން ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް، މި ޕްރޮގްރާމަށް އަތޮޅުތެރޭން ތަރުހީބު ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައި ވަނީ ސްޓޭޓް މިނިސްޓަރު ނީޒާ އިމާދު އަދި ޕޮލިޓެކްނިކްގެ ޗީފް އެގްޒެކެޓިވް އޮފިސާ މުހައްމަދު ނާސިރު އެވެ.

އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުންގެ ސްޓްރެޓަޖީތައް ތައްޔާރު ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް ވަނީ ރާވާފަ އެވެ.

ޒުވާނުން ތަމްރީން ކުރުމުގެ އެކި ކޯސްތައް ޕޮލިޓެކްނިކް އިން ސަރުކާރުގެ އިދާރާތަކާ ގުޅިގެން މީގެ ކުރިންވެސް ވަނީ ހިންގާފަ އެވެ. ޕޮލިޓެކްނިކުން ބުނީ މިއަހަރުވެސް އިތުރު ކޯސްތަކެއް ހިންގުމަށް ރޭވިފައިވާ ކަމަށެވެ.