ޕީއެސްއައިޕީ

ދުރާލާ މަޝްރޫއުތަކުގެ މައުލޫމާތު ދޭން ބައްދަލުވުމެއް ފަށައިފި

ސަރުކާރުން ކުރިއަށް އޮތް އަހަރުތަކުގައި ހިންގާނެ، މަޝްރޫއުތަކުގެ މައުލޫމާތު ކުންފުނިތަކަށް ދުރާލާ ދިނުމަށް ބައްދަލުވުމެއް މިއަދު ފަށައިފި އެވެ.

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން އިންތިޒާމު ކޮށް، މިނިސްޓްރީގެ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާއާ ގުޅިގެން ފެށި މި ބައްދަލުވުމުގައި ރާއްޖޭގެ ގިނަ އަދަދެއްގެ ކޮންޓްރެކްޓަރުންގެ އިތުރުން ބޭރުގެ ބައެއް ކުންފުނި ތަކުން ވެސް ބައިވެރިވެފައިވެ އެވެ.

މި ބައްދަލުވުން ފެށުމުގެ ގޮތުން އެމްއެންއޭސީއައިގެ ރައީސް މުހައްމަދު އަލީ ޖަނާހު (ޖަނާ) ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމަށް މިއަދު ހަނދާނީ ފިލައެއް އަރުވާފަ އެވެ.

ރަސްމީއްޔާތު ހުޅުއްވައި ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ މި ބައްދަލުވުމުގެ ބޭނުމަކީ ސަރުކާރުން މި އަހަރު އިއުލާނުކުރާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތަކަށް ކުންފުނިތައް ތައްޔާރު ވާން ފުރުސަތު ދިނުން ކަމަށެވެ.

"މިނިސްޓްރީގެ މެންޑޭޓުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއު ތަކެއް އެބަހުރި. ޕީއެސްއައިޕީ މަޝްރޫއުތަކުގެ އެންމެ ބޮޑު ހިއްސާއެއް ކުރަނީ މި، މިނިސްޓްރީން. މި އަހަރު ވެސް އާ މަޝްރޫއު ތަކަށް 2.2 ބިލިއަން ރުފިޔާ ހިމަނާފައިވޭ. އެހެންވެ، ހެދިފައިވާ ގަވާއިދުތަކުގެ ތެރެއިން މަޝްރޫއުތައް ހިންގަން ފުރުސަތު ދިނުން މި ބައްދަލުވުމުގެ މަގުސަދަކީ،" އަކްރަމް ވިދާޅުވި އެވެ.

މި އިވެންޓް އިންތިޒާމުކުރާ، އެމްއެންއޭސީއައިގެ ރައީސް، ޖަނާ ވިދާޅުވީ މި އަހަރަށް އުމްރާނީ ތަރައްގީ އާއި އެހެނިހެން މަޝްރޫއު ތަކަށް 10.1 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހިމަނާފައިވާއިރު މި ބައްދަލުވުމުގެ ސަބަބުން ކުންފުނި ތަކަށް ދުރާލާ ތައްޔާރުވާން ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން އެދުނީ ޕްލޭނިން މިނިސްޓަރުގެ އަރިހުގައި ކުރިއަށް އޮތް ދެ އަހަރު ހިންގާނެ މަޝްރޫއުތަކުގެ މައުލޫމާތު ހިއްސާ ކުރަން ވީނޫން ތޯއޭ. އޭރުން ތައްޔާރުވެ، މައުލޫމާތު ހޯދޭނެ. މިހާރު ވާގޮތަކީ މަޝްރޫއު އިއުލާނު ކުރީމަ އެނގޭނީ. އެހެންވުމުން ކޮންޓްރެކްޓަރުންނަށް ތައްޔާރު ވާން ފުރުސަަތެއް ނުލިބޭ. ނަމަވެސް މި ބައްދަލުވުމުގައި ހިއްސާކުރާ މައުލޫމާތުތަކުގެ ސަބަބުން މަޝްރޫއުތަކުގެ އިތުރު މައުލޫމާތު ލިބިގެން ދާނެ،" ޖަނާ ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓާން ޕެސިފިކް ކޮންޓްރެކްޓާސް އެސޯސިއޭޝަން (އިފޮޕްކާ) ގެ ރައީސްކަން ވެސް ކުރައްވާ ޖަނާ ވިދާޅުވީ މަޝްރޫއުތަކުގެ މައުލޫމާތު ދުރާލާ ލިބުމުން އަގު ހެޔޮވެ، ފެންވަރު ރަނގަޅު މެޓީރިއަލް ހޯދަން ވެސް ވަގުތު ލިބިގެން ދާނެ ކަމަށެވެ.

"މައުލޫމާތު ލިބުނީމަ ކުންފުނިތަކަށް ކުންފުންޏަކާ ޖޮއިންޓް ޗެންޗާ ހަދާނަމަ އެކަން ކުރެވި، ޕްރޮޖެކްޓް ތަކަށް އެފިޝެންސީ ގެންނަން ވަގުތު ލިބިގެން ދާނެ. އޭރުން މުޅި އިކޮނޮމީ އަށް ވެސް ރަނގަޅު ފައިދާ ތަކެއް ލިބިގެން ދާނެ،" ޖަނާ ވިދާޅުވި އެވެ.

ދިވެހި ގިނަ ކުންފުނި ތަކެއް ބައިވެރިވާ ކުރީގެ މަސީ އަދި މިހާރުގެ އެމްއެންއޭސީއައި އިން ދަނީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ ތަރައްގީ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. މިގޮތުން އެ ޖަމިއްޔާ އިން ވަނީ އިމާރާތް ކުރުމުގެ ދާއިރާ ސޭފްޓީ ގައިޑް ލައިނެއް ވެސް ނެރެފަ އެވެ. މިއީ މިގޮތަށް ރާއްޖޭގައި ފުރަތަމަ ހެދި ގައިޑްލައިނެވެ. އަދި އިމާރާތް ކުރުމުގެ ދާއިރާއާ ގުޅުންހުރި ގިނަ ގަވާއިދު ތަކެއް ފަރުމާ ކުރުމުގައި ވެސް އެ ޖަމިއްޔާ އިން ދަނީ ސަރުކާރަށް އެހީ ވަމުންނެވެ.