ހަބަރު

ހަކަތަ ބޭނުންކުރާ ސާމާނު ހޯދަން ޕްރޮކިއުމަންޓް އުސޫލެއް

ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި "ލައިފް ސައިކަލް ކޯސްޓިންގ" އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް އެންވަޔަރޮމެންޓް މިނިސްޓްރީން ފަށައިފި އެވެ.

މިއަދު ހެނދުނު ޗަންޕާ ސެންޓްރަލް ހޮޓްލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އެންވަޔަރޮމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

އެކަމަށްޓަކައި ބޭއްވި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން މިނިސްޓަރ ވަނީ އަލަށް ތައާރަފްކުރާ އުސޫލުގެ ސަބަބުން ދައުލަތަށާއި، ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަން ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ހަކަތަ ސަމަކާރަ ތަކެއްޗަށް އިސްކަންދެވި، ދައުލަތަށް ހޯދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެއްޗަށްވާނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފަ އެވެ.

ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި "ލައިފް ސައިކަލް ކޯސްޓިންގ" އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގައި ހިމެނޭ މަސައްކަތެކެވެ. އެ އުސޫލު ތައާރަފްކުރުމުން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެންވަޔަރޮމެންޓް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެންވަޔަރޮމެންޓް މިނިސްޓްރީން އިތުރަށް ބުނީ، މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމަކީ ސަރުކާރުގެ ހުރިހާ ވުޒާރާތަކަށާއި، ނެޝަނަލް ޓެންޑަރ ބޯޑުގެ އިތުރުން މޯލްޑިސް އެނަރޖީ އޮތޯރިޓީއަށް ދައުވަތު ދީގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެއް ކަމަށާއި، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ޖަޒީރާ ދިރިއުޅުމުގެ ދަށުގައި ހިމެނޭ އެ މަސައްކަތަކީ އެންވަޔަރޮމެންޓް މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.