ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ޓުއަރިޒަމް ފެއަރކަމަށްވާ ފިތުރުގައި ރާއްޖެއިން ބައިވެރިވެއްޖެ އެވެ.
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) ބުނީ، ފަސް ދުވަހުގެ އެ ފެއަރގައި އެކުންފުންޏާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއެކު މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހުގެ ނިޔަލަށް ސްޕެއިންގެ މެޑްރިޑްގައި ރާއްޖެ ތަމްސީލްކުރެވިގެން ދާނެ ކަމަށެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން 41 ބައިވެރިންނާއެކު 71.5 އަކަފޫޓުގެ ސްޓޭންޑެއްގައި ރާއްޖޭގެ
ރީތިކަން ދައްކުވައިދޭ މަންޒަރުތަކާއެކު އެކި ހަރަކާތްތަށް ކުރިއަށްދާނެކަމަށާއި، އެ ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ
އިސް ފަރާތްތަކާ ބައްދަލުކޮށް، ސްޕެއިން މާކެޓްގެ އިތުރުން އެހެނިހެން މާކެޓްތަކުގައި ރާއްޖެ އިތުރަށް އިސްތިހާރުކުރުމަށްޓަކައި މަޝްވަރާ ކުރެވިގެން ދާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.
އޭޝިއާގެ ގައުމުތަކާއެކު ރާއްޖެ ތަމްސީލް ކުރުމަށްޓަކައި އެކި ހަރާކާތްތަށް ސްޓޭންޑް ނަންބަރު 6D08 ގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައި ޖަމަށާއި، އެގޮތުން ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ރާއްޖެއާ ބެހޭ މައުލޫމާތް ހިމޭނޭގޮތަށް ކުއިޒެއް ކުރިއަށް ގެންދިއުމާއެކު އެކި އިނާމްތައް ލިބިގެންދާނެ ކަމަށެވެ.
މީގެ އިތުރުން ދިވެހި ސަގާފަތް އިޝްތިހާރު ކުރުމުގެ ގޮތުން ދިވެހި ލިބާސް ލައިގެން ފޮޓޯނެގުމާއި، ދިވެހި ރަހަތަކުގެ ތެރެއިން ތެލުލި ބަނބުކެޔޮ، އައްޑޫ ބޮނޑި އަދި ކުޅިކާޖާ ރަހަބެލުމުގެ ފުރުސަތު ސްޓޭންޑަށް ޒިޔާރާތްކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.
އެމްއެމްޕީއާރުސީން ބުނީ، 2019 ގައި ސްޕެއިނުން ރާއްޖެއަށް 36,064 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށެވެ. އަދި މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 13.5 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން ސްޕެއިން މާކެޓަކީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ ނިސްބަތް އިތުރަށް ފުޅާ ކުރުމުގެ ފުރުސަތު އޮތް މާކެޓެއް ކަމަށާއި، އެހެންކަމުން 2020 ވަނަ އަހަރު ސްޕެއިންމާކެޓްގައި ރާއްޖެ އިޝްތިހާރުކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށެވެ.