ސައިންސް

ކެންސަރުގެ ވަރުގަދަ ފަރުވާއެއް ހޯދައިފި

ހުރިހާ ވައްތަރެއްގެ ކެންސަރަކަށް ފަރުވާ ކުރެވޭނެ "ޔުނިވާސަލް ކެންސާ ތެރަޕީ" އެއް ހޯދިއްޖެ ކަމަށް ސައިންސްވެރިން ބުނެފި އެވެ. މިއީ ކެންސަރު ސެލްތަކަށް ހަމަލަދީ އެ އެއްޗެތި މަރާލަން ބޭނުން ކުރެވިދާނެ އިމިއުން ސެލްއެއް ކަމަށާއި މި ހޯދުން ހޯދިފައި ވަނީ އެކްސިޑެންޓަކުން ކަމަށް ވެސް ސައިންސްވެރިން ބުނެފައި ވެއެވެ.

ކާޑިފް ޔުނިވަސިޓީގެ ސައިންސްވެރިން އުންމީދު ކުރަނީ މި ހޯދުނު އާ ޓީ-ސެލް އަކީ ހުރިހާ ކެންސަރެއްގެ ފަރުވާއަށް މުޅިން ފިޓްވާނެ ތެރަޕީއަކަށް ވާނެ ކަމަށެވެ.

ކެންސަރަށް މި ހޯދުނު ޓީ-ސެލް ތެރަޕީގައި ހަދަން ޖެހޭ ގޮތަކީ ދިފާއީ ސެލްތައް ނަގައި މޮޑިފައި ކުރުމަށްފަހު އަނެއްކާވެސް ބަލިމީހާގެ ލޭގެ ތެރެއަށް ފޮނުވާލަނީ އެވެ. އޭރުން މި ސެލްތައް ހަމަލަދީގެން ހަށިގަނޑުގެ ކޮންމެ ހިސާބެއްގައި ހުރި ކޮންމެ ވައްތަރެއްގެ ކެންސަރު ސެލްއެއް ނަމަވެސް މަރާލަނީ އެވެ. މިއީ ކެންސަރުގެ ފަރުވާއަށް އެންމެ ފަހުގެ މި ހޯދުމުގައި ސައިންސްވެރިން މަސައްކަތް ކުރާނީ މި ގޮތަށެވެ.

މިހާރު އެންމެ ފުޅާކޮށް ބޭނުން ކުރަނީ ސީއޭއާރް-ޓީ ކިޔާ ތެރަޕީ އެކެވެ. މި ތެރަޕީއަކީ ކޮންމެ މީހަކަށް ވަކި ގޮތަކަށް ދޭން ޖެހޭ އެއްޗެކެވެ. އަދި މި ފަރުވާ އަމާޒު ކުރެވެނީ ކެންސަރުގެ ވަކި ވައްތަރު ތަކަކަށެވެ. އަދި މާ ވަރުގަދަކޮށް އުފެދިފައި ހުންނަ ޓިއުމަރުތަކަށް މި ފަރުވާ ކާމިޔާބު ކަމާއެކު ނުދެވޭ ކަމަށާއި ކެންސަރު ޖެހޭ ގިނަ މީހުންގެ އެ ބަލި ހުންނަކަން އެނގޭއިރު ވެސް ހުންނަނީ ބަލި މާ ވަރުގަދަ ވެފައި ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ނަމަވެސް މިފަހަރު ސައިންސްވެރިންނަށް މި ހޯދުނު އާ ޓީ-ސެލްސް އާއި އާ ވައްތަރެއްގެ ޓީ-ސެލް ރިސެޕްޓާ (ޓީސީއާރް) ގުޅުވައިގެން ދޭ ފަރުވާއިން ހުރިހާ ވައްތަރެއްގެ ކެންސަރު ޓިއުމަރުތަކެއް ކަހަލަ ގޮތަކަށް ހަލާކުކޮށްލާ މަރާލަ އެވެ. އަދި އެ ވެސް ބަލި ނުޖެހި ސިއްހަތު ރަނގަޅުކޮށް ހުރި ސެލްތަކަށް ގެއްލުމެއް ނުދީ އެ އެއްޗެތި ހުރި ގޮތަށް ބަހައްޓައިގެނެވެ.

ކެންސަރު ސެލްތަކުގެ ބޭރު ފަށަލައިގައި ވަރަށް ގިނައިން ހުންނަ މޮލެކިއުލްއެއް މި ތެރަޕީ ދިނުމުގެ ގޮތުން މޮޑިފައިކޮށް ދޫކުރާ ޓީ-ސެލްތަކަށް ދެނެގަނެވެ އެވެ. އެހެންވެ ކެންސަރު ޖެހިފައިވާ ސެލް އަކީ ކޮބައިކަމާއި ކެންސަރު ނުޖެހޭ ސެލްތަކަކީ ކޮބައިކަން ދެނެގަނެވި ހަމައެކަނި ކެންސަރު ޖެހިފައިވާ ސެލްތައް މަރާލެވެނީ އެވެ.

ކާޑިފް ޔުނިވަސިޓީ ސްކޫލް އޮފް މެޑިސިންގެ ސައިންސްވެރިޔާ ޕްރޮފެސާ އެންޑްރޫ ސީވެލް ވިދާޅުވީ މިހާރު ކެންސަރު ބަލި މީހުންނަށް ދެމުންދާ ޓީސީއާރްގެ ފަރުވާއިން މިފަދަ ގޮތަކަށް ކެންސަރު ޖެހިފައިވާ ސެލްތައް ދެނެގަންނަން އުނދަގުލެވެ. ނަމަވެސް މި އަލަށް ހޯދުނު ފަރުވާއަކީ ހުރިހާ ވައްތަރެއްގެ ކެންސަރަކަށް އަދި ކެންސަރު ޖެހޭ އެންމެންނަށް ވެސް ފަރުވާ ދެވޭނެ ހޯދުމެކެވެ.

"އަހަރެމެން އުންމީދުކުރަނީ މި އާ ޓީސީއާރްއަކީ ތަފާތު މަގަކުން ދަތުރުކޮށްފައި ގޮސް ސީދާ ކެންސަރު ސެލްތަކަށް އަމާޒުކޮށް ހަމަލާދީ އެ އެއްޗެތި ހަލާކު ކޮށްލާނެ ފަރުވާއަކަށް ވާނެކަމަށް،" ޕްރޮފެސަރު ވިދާޅުވި އެވެ.

މި ފަރުވާ މި އަހަރުގެ ފަހުކޮޅު ދެވެން ފެށޭވަރު ވާނެ ކަމަށް އުންމީދުކުރާ ކަމަށް ވެސް ސައިންސްވެރިން ވަނީ ބުނެފަ އެވެ.