ރައީސް މުހައްމަދު ނަޝީދު

ކަންކަން ލަސްވަނީ ކޯލިޝަންގެ ސަބަބުން: ނަޝީދު

މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވުމުގެ އެންމެ ބޮޑު ސިއްރަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށް ވިދާޅުވެ، ކޯލިޝަން އުވާލުމަށް ހިތްވަރު ދެއްވާ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިރޭވެސް ވާހަކަފުޅު ދައްކަވައިފި އެވެ.

ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސްގެ މަގާމުގައިވެސް ރައީސް ނަޝީދު ވިދާޅުވީ ސަރުކާރު، ކޯލިޝަނަކުން ހިންގަން ޖެހުމުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އެމްޑީޕީން އަދި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ އެތައް މަޝްރޫއުތަކެއް މިއަދުވެސް ހުއްޓިފައިވަނީ ކޯލިޝަންގެ ސަބަބުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މިއަދުވެސް ބައެއް ވުޒާރާތަކާއި، ކުންފުނިތައް ހިންގުމުގައި ތިބީ އެެހެން ޕާޓީތަކުގެ މެންބަރުން ކަމަށާ އެކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އައިސް ހުރަސްތައް ކުރިމަތިވާ ކަމަށެވެ.

"އަޅުގަނޑުމެން މި ތިބީ އިއްތިހާދެއްގައި. ބައެއް ވުޒާރާތައް އަދި ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ މެންބަރެއްނެއް ނޫން. އެއީ މިކަން އޮތް ގޮތް. އެހެންވީމަ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް އަދި މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ.. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ. ރައީސް ކަމަކާ ދެކެވަޑައިގަންނަވާ ގޮތާއި، އަދި ދެން އެހެން ސަރުކާރުގައި ތިއްބަވާ އެހެން ވުޒާރާތަކާއި މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ކަންކަން ކުރިއަށް ގެންދަން ދެކެވަޑައިގަންނަވާ ގޮތާއި މި ފުށުއަރާ އެރުން އެއީ ކަންތައްތައް ލަސްވުމުގެ އެންމެ ބޮޑު ސިއްރަކީ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަށް އަަބަދުވެސް ޖެހިވަޑައިގަންނަވަނީ ކުންފުނިތަކާއި، ވުޒާރާތަކުގެ ވެރިންނަށް އިރުޝާދުދޭން ކަމަށެވެ. އަދި އެކަން އެހެން ދިމާވަނީ އެމްޑީޕީއަށް ނިސްބަތް ނުވާ ބޭފުޅުން ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ތިބުމުން ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީން ނިކުމެ އޮތީ އެންމެ މަގްސަދަކަށް ކަމަށާ އެއީ ގައުމު ތަރައްގީކޮށް، ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދާދިނުން ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ވެރިކަން ހިންގުމާއި، ރަށްރަށް ހިންގުމުގެ ފުރިހަމަ ބާރުވެރިކަން އޮންނަންވީ އެމްޑީޕީއަށް ކަމަށް ވިދާޅުވިއެވެ.

އަޅުގަނޑުމެން މި ތިބީ އިއްތިހާދެއްގައި. ބައެއް ވުޒާރާތައް އަދި ބައެއް ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގަވަމުން ގެންދަވަނީ އެމްޑީޕީގެ މެންބަރެއްނެއް ނޫން. އެއީ މިކަން އޮތް ގޮތް. އެހެންވީމަ އަޅުގަނޑުމެންގެ މަޝްރޫއުތަކަށް އަދި މި ޕާޓީގެ އަމާޒުތަކަށް، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އާދޭ.. ވަރަށް ގިނަ ފަހަރަށް ހުރަސް އާދޭ. ރައީސް ކަމަކާ ދެކެވަޑައިގަންނަވާ ގޮތާއި، އަދި ދެން އެހެން ސަރުކާރުގައި ތިއްބަވާ އެހެން ވުޒާރާތަކާއި މުއައްސަސާތަކުގައި ތިއްބަވާ ބޭފުޅުން ކަންކަން ކުރިއަށް ގެންދަން ދެކެވަޑައިގަންނަވާ ގޮތާއި މި ފުށުއަރާ އެރުން އެއީ ކަންތައްތައް ލަސްވުމުގެ އެންމެ ބޮޑު ސިއްރަކީ
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

އީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ހަތަރު ސިޔާސީ ޕާޓީއަކުން ބައިވެރިވެއެވެ. އެއީ އެމްޑީޕީ، ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި އެމްއާރްއެމް އެވެ. ރައީސް ސޯލިހްގެ ސަރުކާރުގައި ކޯލިޝަން ލީޑަރުންގެ ގޮތުގައި ތިއްބެވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އެވެ. ވެރިކަން ހިންގަވާނީ އެ ބޭފުޅުންގެ މަޝްވަރާގެ މަތިން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ނަމަވެސް ވެރިކަން ހިންގަން ބޭނުންވަނީ އެމްޑީޕީ އެކަނި ކަމަށާ ކޯލިޝަން އުވާލަން ޖެހޭ ކަމަށް ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސް ނަޝީދު ތަކުރާރުކޮށް އެ ވާހަކަފުޅު ދައްކަވަމުން ގެންދަވާތީ އެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ރޭ ރައްދު ދެއްވާފައެވެ.

ޖޭޕީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމް ހަވާލު ކުރަން ކުނޫޒުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ރައީސް ނަޝީދު އަތޮޅުތަކަށް ކުރައްވާ ދަތުރުތަކުގައި ކޯލިޝަނަށް ފާޑު ވިދާޅުވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އެމްޑީޕީގެ މެންބަރުންނަށް ސަރުކާރުން ކަމެއް ކޮށް ނުދެވެނީ ކޯލިޝަނާ ހެދި ކަމަށް ރައީސް ނަޝީދު ވިދާޅުވާއިރު އެ ކޯލިޝަން ހޯދަން ސަލާން ޖެއްސެވި ދުވަސް ހަނދާން ނެތުނީތޯ ގާސިމް އެއްސެވި އެވެ.

"ބަލަ އެމަނިކުފާނަށް މިއަދުތޯ އެނގިވަޑައިގަތީ ކޯލިޝަނާ ހެދިކަން... އިހަށް ދުވަހު ކޯލިޝަން ހަދަން ކުރި އާދޭހާއި ޖެހި ސަލާމާ އެއްޗެހި ކޮބައިތޯ؟ ސަރުކާރެއް ލިބިވަޑައިގަތީ ކިހިނެތްކަން އެމަނިކުފާނު ހަނދުމަފުޅު ނެތީތޯ؟" ގާސިމް ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށް ސިޔާސީ ޕާޓީތަކުން އެއްބަސްވީ އެއްބަސްވުމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ގުޅިގެން ވާދަކުރުމާއި، 2019 ގައި މަޖިލީސް އިންތިހާބަށް އެކުއެކީގައި ނިކުތުމާއި 2020 ގައި ކައުންސިލްތަކުގެ ގޮނޑިތައް ހޯދަން އެކީގައި ތިބުމަށް ވައުދުވިއެވެ.

އެއްބަސްވުމާއި އެއްގޮތަށް 2019 ވަނަ އަހަރު ބޭއްވި މަޖިލީސް އިންތިހާބުގައި ޕާޓީތައް ގުޅިގެން ވާދަކުރުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނެވެ. ނަމަވެސް އެ މަޝްވަރާތައް ކާމިޔާބުނުވެ، ޕާޓީތަކުގެ މެދުގައި އުފެދުނު ހިޔާލު ތަފާތުވުންތައް އެއްގޮތް ކުރެއްވުމުގައި ރައީސް ސޯލިހަށްވެސް ކާމިޔާބު ހޯއްދެވޭ ގޮތެއް ނުވިއެވެ.

އެހެން ކަމުން މަޖިލީސް އިންތިހާބެކޭ އެއްގޮތަށް އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީންވެސް ކެންޑިޑޭޓުން ނެރެނީ ވަކިންނެވެ. އެމްޑީޕީއާއި ޖުމްހޫރީ ޕާޓީން ވަނީ ހުރިހާ ގޮނޑިތަކަކަށް ވާދަކުރަން ނިންމާފައެވެ. އަދި އަދާލަތު ޕާޓީއާއި އެމްއާރްއެމުން ވަނީ އެޕާޓީގެ ޓިކެޓަށް އެދެން ހުޅުވާލާފައެވެ.