އިސްލާމިކް މިނިސްޓްރީ

ދީނީ މައްސަލަތައް އޮޅުން ފިލުވައިދިނުމުގައި ދެމި ތިބޭނަން: މިނިސްޓްރީ

އިސްލާމިކް މިނިސްޓްރީއަށް ހުށައެޅޭ ދީނީ މައްސަލަތައް އޮޅުން ފިލުވައިދިނުމުގައި ދެމި ތިބޭނެ ކަމަށް އެ މިނިސްޓްރީ ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނީ، އެޗްޕީއޭގެ އެދުމުގެ މަތިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން ވަނީ އެދިފައިވަނިކޮށް އެޗްޕީއޭގެ ސިޓީ ބާތިލްކޮށް އެކަމުގައި ލަފާ ހޯދުން ހުއްޓާލަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަންގަވާފައިވަނިކޮށެވެ.

އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް، އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދިފައެވެ.

މިނިސްޓަރު އަމީން ވަނީ އެޗްޕީއޭގެ ސިޓީއާއި ގުޅިގެން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް، މައިމޫނާ އަބޫބަކުރަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އަދި އެކަމަށް ހިތްވަރުދޭ ކަމެއްވެސް ނޫން ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ ބާތިލްކޮށް އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައެވެ.

އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދި ފަތުވާ މަޖިލީހަށް ހުށައެޅީ އެޗްޕީއޭއިން އެދިގެން ކަމަށެވެ. އަދި އަދި އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދުނީ އެ މިނިސްޓްރީގެ ބޭނުމަކަށް ކަމަށް ބައެއް މީހުންނަށް ހީވެފައިވާތީ އެއީ ހަގީގަތެއް ނޫން ކަމަށެވެ.

އިސްލާމިކް މިނިސްޓްރީއަކީ ރައްޔިތުންނަށް ދީނީ ގޮތުން އޮޅުން އަރާ ކޮންމެ ކަމެއްގައި އަދި ރައްޔިތުން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އެކަމެއްގައި ދީނީ ގޮތުން އޮންނަ ގޮތް ބަޔާންކޮށްދޭ ފަރާތް ކަމަށާއި އެހެން ކަމުން ކުރިއަށް އޮތްތާވެސް މިނިސްޓްރީއަށް ހުށައެޅޭ ދީނީ މައްސަލަތައް އޮޅުން ފިލުވައިދިނުމުގައި ދެމި އޮންނާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަންހެން ކުދިން ހިތާނުކުރަން ނުޖެހޭ ކަމަށާއި އެއީ ދީނުގައިވާ ކަމެއް ނޫން ކަމަށް ދީނީ އިލްމުވެރިޔާ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަނީ ވިދާޅުވެފައެވެ. ރައީސް މައުމޫން އިއްޔެ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައި އޮތް ކަމެއް ނޫން ކަމަށާއި އިސްލާމްދީނަކީ އިންސާނުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވާ ދީނެއް ކަމަށެވެ.

ރާއްޖޭގައި މީގެ އަަހަރުތަކެއް ކުރިން އަންހެން ކުދިން ހިތާނުކުރުވައެވެ. ނަމަވެސް ފަހުން އެކަން މުޅިން ވަނީ ހުއްޓިފައެވެ. އެއީ ދީނީ ކަމެއްކަމަށް ބުނެ ބައެއް ރަށްރަށުގައި އެކަން ކުރުވާ މީހުން އުޅޭ ކަމަށްވެއެވެ. ނަމަވެސް އަންހެން ކުދިން ހިތާނު ކުރުމަކީ ދީނުގައިވާ ކަމެއް ނޫނެވެ.

އަރަބި ބައެއް ގައުމުތަކުގައި އަދި އެފްރިކާގެ ބައެއް ގައުމުތަކުގައި އެ އާދަ ވަރަށް ބޮޑަށް އޮވެއެވެ. އެއީ އެ މީހުންގެ ދުވަސްވީ އާދައެކެވެ. ނަމަވެސް ސިއްހީ މާހިރުން ގެންދަނީ އެކަން ނުކުރުމަށް އިލްތިމާސް ކުރަމުންނެވެ.