ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އިސްލާމިކް މިނިސްޓްރީ

ނަމާދުކޮށް ނިމުމުން މިސްކިތުގައި މަޑުނުކުރަން އެދިއްޖެ

ޖަމާއަތުގެ ނަމާދަށް މިސްކިތަށްދާ މީހުންވެސް އަދި އެ ނޫން ގަޑިތަކުގައިވެސް ނަމާދު ކުރުމަށް މިސްކިތަށްދާ މީހުން ނަމާދުކޮށް ނިމުމުން މިސްކިތުގައި މަޑުކޮށްގެން ނުތިބުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސް ކޮށްފި އެވެ.

އެ މިނިސްޓްރީން ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ މި ހާލަތުގައި މިސްކިތަށްދާ މީހުން އަމަލުކުރަން ޖެހޭ އުސޫލެއް އެކުލަވާލާފައެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެ އެ ބަލީގައި ރާއްޖެއިން މަރުވާ މީހުންގެ އަދަދުވެސް އިތުރުވަމުންދާއިރު އިސްލާމިކް މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގައި ގަދައަށް ހިފެހެއްޓުމަށް އިލްތިމާސްކޮށްފައެވެ. މިސްކިތަށްދާއިރު ގެއިން ވުލޫކޮށްގެން ދިއުމާއި ނަމާދު ކުރަން މުސައްލައެއް ގެންދިއުމަށް އަދި އެ މީހުންގެ މުސައްލާގައި ނޫނީ ނަމާދު ނުކުރުމަށް ވަނީ އެދިފައެވެ.

މިސްކިތަށް ވަދެ ނިކުމެ އުޅުމުގައި ގައިދުރުކަން އިސްކުރުމާއި ޖަމާއަތުގެ ނަމާދު ނިމުމުން މިސްކިތުގައި މަޑުކޮށްގެން ނުތިބުމަށްވެސް އެދިފައިވެއެވެ. އަދި މިސްކިތުގައި ހުންނަ މުސްހަފުތައް މި ދުވަސްކޮޅު ބޭނުން ނުކުރަންވެސް އެދިފައިވެއެވެ.

ފުއްޕާމޭގެ ބަލިތައް ހުންނަ މީހުންނާއި ރޯގާޖެހި ހުން އައިސްފައިވާ މީހުން އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މިސްކިތަށް ނުދިނުމަށްވެސް އެ މިނިސްޓްރީން އެދިފައިވެއެވެ.

އިސްލާމިކް މިނިސްޓްރީ ވަނީ މާތްﷲއާ މެދު މުސްލިމު އަޅާ އޮންނަންޖެހޭ ޔަގީންކަމާއި އުންމީދު ނަގާނުލައި ބަލިމަޑުކަމުން އަރައިގަތުމަށް ސަބަބުތަކުގައި ހިފުމާއެކު ދުއާކޮށް އިސްތިގުފާރު ކުރުން ގިނަ ކުރުމަށް އެދިފައެވެ.

ކޮވިޑްގައި މިއަދުވެސް މީހަކު މަރުވިއެވެ. އެއީ މި މަހުގެ ދެވަނަ މަރެވެ. މިދިޔަ މަހުވެސް ހަތަރު މީހަކު މަރުވިއެވެ. ކޮވިޑް ޖެހޭ މީހުންގެ ނިސްބަތް 100 އިން މަތީގައި ހުންނަތާ 17 ދުވަސް ވެއްޖެ އެވެ.