ހަބަރު

ހެވީ ވެހިކަލް އާއި ބަސް ދުއްވަން އެމްޕީއެލްއިން އަންހެނުން ހޯދަނީ

އަންހެނުންނަށް ހާއްސަކޮށްގެން ހެވީ ވެހިކަލް އާއި ބަސް ދުއްވަން ދަސްކޮށްދޭ ޕްރޮގްރާމެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްޕީއެލް އިން ކޮށްފައިވާ އިއުލާނެއްްގައި ބުނެފައިވަނީ މިއީ އެޕްރެންޓިސް ޕްރޮގްރާމްގެ ދަށުން ހަމައެކަނި އަންހެނުންނަށް ހުޅުވާލި ފުރުސަތެއް ކަމަށެެވެ.

މި ޕްރޮގްރާމްގެ ދަށުން ހެވީ ވެހިކަލް ދުއްވުމުގެ ޓްރެއިނިން އާއި ބަސް އޮޕަރޭޓް ކުރުމުގެ ޓްރެއިނިން ދެވޭނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ. ހެވީ ވެހިކަލް ތެރޭގައި ހިމެނޭ ފޯކްލިފްޓާއި ޓާމިނަލް ޓްރެކްޓަރާއި އަދި ކްރޭން އޮޕަރޭޓް ކުރަން ދަސްކޮށްދެވޭނެ އެވެ.

އިއުލާނުގައި ބުނެފައިވަނީ މި ޕްރޮގްރާމުގައި އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު ގްރޭޑް 10 ނިންމާފައިވާ ކޮންމެ އަންހެނަކަށް ވެސް ބައިވެރިވެވޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް އެމްޕީއެލް އިން ހާއްސަ އިނާޔަތްތަކެއް ވެސް ދޭނެ ކަމަށާއި އެގޮތުން ހަ މަސް ދުވަހުގެ މުއްދަތަކަށް މަސައްކަތް ދަސްކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވެސް އިއުލާނުގައިވެ އެވެ. އަދި ކޮންމެ މަހަކު ހަ ހާސް ރުފިޔާގެ އެލެވެންސެއް ވެސް ދެވޭނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކުރާ ފަރާތްތަކަށް ހެވީ ވެހިކަލް އޮޕަރޭޓް ކުރުމުގެ ލައިސަންސް ނަގައިދެވޭނެ ކަމަށް ވެސް އެމްޕީއެލް އިން ބުނެ އެވެ. އަދި ސެޓްފިކެޓް ހާސިލް ކުރާ ފަރާތްތަކަށް އެމްޕީއެލް އިން ދާއިމީ ވަޒީފާވެސް ހަމަޖެހިގެންދާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

މިޕްރޮގޮރާމަކީ ޓިވެޓް އޮތޯރިޓީގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ހިންގާ ޕްރޮގްރާމެއް ކަމަށާއި އަދި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކައް ޓިވެޓް އޮތޯރިޓީގެ ނެޝަނަލް ލެވެލް ތިނެއް ސެޓްފިކެޓެއް ދެވޭނެ ކަމަށްވެސް އެމްޕީއެލް އިން ބުނެ އެވެ.

މި އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ފޯމު ހުށަހަޅާންޖެހޭނެ ކަމަށާއި ފޯމު ހުށަހަޅަންޖެހޭނީ ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ކަމަށެވެ.