ދުނިޔެ

ކޮރޯނާ ވައިރަސް ފެނުނު ސިޓީ ބަންދުކޮށްފި

Jan 23, 2020

ބެއިޖިންގް (ޖެނުއަރީ 23) - ބެއިޖިންގް (ޖެނުއަރީ 22) - ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ވަރަށް ބާރު މިނުގައި ފެތުރެމުންދާ އެކަން ހުއްޓުވުމަށް އެ ވައިރަސް ފެތުރެން ފެށި ސިޓީން މީހުން ވަދެ ނުނިކުމެވޭގޮތަށް މުޅި ސިޓީ ބަންދުކޮށްފި އެވެ.

ގާތްގަނޑަކަށް 11 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީން ބޭރަށް ދަތުރުނުކުރުމަށް އަންގައި، އެ ސިޓީއަށް ދަތުރުކުރާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް މިއަދުން ފެށިގެން ހުއްޓާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ.

އެ ވައިރަސް ޖެހުނު މީހުންގެ އަދަދު 571 އަށް އަރާފައިވާއިރު، ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިވެ މިހާތަނަށް 17 މީހުން މަރުވެފައިވާކަމަށް ޗައިނާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

އެ ވައިރަސް ޖެހިފައިވާ މީހުން، އެމެރިކާ، ޓައިވާން، ތައިލަންޑް، ޖަޕާނު އަދި ދެކުނު ކޮރެއާ އިން މިހާރު ފެނިފައިވީނަމަވެސް، ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމުގައި ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއް އަދި އިއުލާނުނުކުރުމަށް ވަނީ ނިންމައިފަ އެވެ.

މީގެ ކުރިން ފެތުރުނު ޒިކާ ވައިރަސް، އިބޯލާ އަދި ސްވައިން ފްލޫ އާ ގުޅިގެން ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިން ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީ އިއުލާނުކޮށްފަ އެވެ.