ދުނިޔެ

ޓްރަމްޕް އިމްޕީޗްމަންޓް: ހެކިންނާ ގުޅިގެން ދެކޮޅުންވެސް ގޮތް ދޫނުކުރި

Jan 23, 2020

ވޮޝިންގްޓަން (ޖެނުއަރީ 23) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރުމަށް ސެނެޓުގެ ޝަރީއަތް އިއްޔެ ފެށިފައިވާއިރު، ހެކިން ހާޒިރުކުރުމަށް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީއާއެކު "ޑީލެއް" ހަދަން އިދިކޮޅު ޑިމޮކްރެޓުން ދެކޮޅު ހަދައިފި އެވެ.

ޑިމޮކްރެޓުން ހުށަހެޅީ ޓްރަމްޕްގެ ސަރުކާރުގެ މިހާރުގެ އަދި ކުރީގެ ބައެއް އޮފިޝަލުން ހާޒިރުކޮށް ހެކިބަސް ނެގުމަށެވެ. އޭގެ ތެރޭގައި ކުރީގެ ނެޝަނަލް ސެކިޔުރިޓީ އެޑްވަޒަރު ޖޯން ބޯލްޓަން ހިމެނެ އެވެ.

ނަމަވެސް، ބޯލްޓަން ހާޒިރުކުރުމަށް ތާއީދުކުރާނީ ކުރީގެ ނައިބު ރައީސް ޖޯން ބައިޑަންގެ ފިރިހެން ދަރިފުޅު ހެއްކެއްގެ ގޮތުގައި ހާޒިރުކުރަން އެއްބަސްވުމުން ކަމަށް ރިޕަބްލިކަން ޕާޓީއަށް ނިސްބަތްވާ ސެނެޓުގެ މެންބަރުން ހުށަހެޅި އެވެ. ނަމަވެސް، އެކަމަށް ޑިމޮކްޜެޓުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރުކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ނަމަވެސް، ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށާއި، އިދިކޮޅުން އުޅެނީ ހިޔާލީ ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަންކަމަށް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

އެމެރިކާގެ އުއްތަމަ ފަނޑިޔާރު ޖޯން ރޮބަޓްސްގެ ބެއްލެވުމުގެ ދަށުން ސެނެޓުގައި ހަފުތާއަކު ހަ ދުވަހު ހަ ގަޑިއިރަށް އަޑުއެހުންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފަ އެވެ.

އެގޮތުން، ދައުވާތައް ސާބިތުކުރަން ޑިމޮކްރެޓުންނަށް ތިން ދުވަސް އަދި ދިފާއުއަށް ތިން ދުވަސް ލިބޭނެ އެވެ. ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި، ބައިޑަން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ދުވަސްވަރު، އޭރު ޔޫކްރެއިންގެ ބޮޑު ގޭސް ކުންފުންޏެއްގެ ބޯޑުގައި ހުރި އޭނާގެ ފިރިހެން ދަރިފުޅު ހަންޓާ ބައިޑަން އާ ގުޅިގެން ކޮރަޕްޝަން ހިމެނޭ ގިނަ މުއާމަލާތްތަކެއް ހިންގާފައިވެ އެވެ. އޭރު އެމެރިކާ އާއި ޔޫކްރެއިންއާދެމެދު އޮންނަ ގުޅުމުގެ ކަންކަން ކުރިއަށް ގެންދިޔައީ ބައިޑަންގެ ބެއްލެވުމުގެ ދަށުންނެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

ހައުސްގައި ރައީސަކު އިމްޕީޗު ކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރު ކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

އެހެންކަމުން، ރައީސްގެ މަގާމުން ޓްރަމްޕް ދުރު ކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓުގެ ތެރެއިން ވުން ދުރު ކަމެއްކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.