ހަބަރު

ކޮރޯނާ ވައިރަސް ފެތުރޭ ވޫހާންގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: ފޮރިން މިނިސްޓްރީ

Jan 23, 2020

ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރޭ ޗައިނާގެ ވޫހާން ސިޓީގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އަވަސް އިން ސުވާލު ކުރުމުން ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ހުރިހާ ދިވެހިންނާ ވެސް ކޮންޓެކްޓް ވެފައިވާ ކަމަށެވެ.

"އެ މީހުން [ވޫހާގައި ތިބި ދިވެހިން] ގެ ހާލު ބަލަމުން މިދަނީ. ހުރިހާ މީހުންގެ ހާލު ވެސް ރަނގަޅު،" އޮފިޝަލް ވިދާޅުވި އެވެ.

ކޮރޯނާ ވައިރަސް ފެތުރޭތީ މިހާރު ކަރަންޓީން ކޮށްފައިވާ ވޫހާން ސިޓީގައި ހަ ދިވެހިން އެބަތިބި ކަމަށް މޯލްޑިވްސް ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން އިން ވަނީ ބުނެފަ އެވެ. އެ ޖަމިއްޔާ އިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވާ ގޮތުން އެ ސިޓީގައި އުމުރުން ދޮޅު އަހަރުގެ ކުޑަ ކުއްޖެއްގެ އިތުރުން ހަ ދިވެހިން އެބަތިބި ކަމަށާ، ހުރިހާ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

އެ ޖަމިއްޔާ އިން ވަނީ ފޮރިން މިނިސްޓްރީ އާއި ޗައިނާގައި ހުންނަ އެމްބަސީ އިން އެ މީހުންގެ ހާލު ބެލުމަށް އެދިފަ އެވެ.

ޗައިނާ އިން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްހޔާ (ޑަބްލިއުއެޗްއޯ) މިންގަނޑުތަކުގައިވާ ގޮތަށް، އެ ސިޓީ ކަރަންޓީން ކޮށްފަ އެވެ. ގާތްގަނޑަކަށް 11 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީން ބޭރަށް ދަތުރުނުކުރުމަށް އަންގައި، އެ ސިޓީ އަށް ދަތުރުކުރާ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް މިއަދުން ފެށިގެން ހުއްޓާލަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނީ އެ ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވާ ކަމަށެވެ. އެ ވައިރަސް ޖެހުނު މީހުންގެ އަދަދު 571 އަށް އަރާފައިވާއިރު، ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިވެ މިހާތަނަށް 17 މީހުން މަރުވެފައިވާކަމަށް ޗައިނާ ސަރުކާރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.