ހަބަރު

ހިޔާގެ ސީއީއޯ މަސައްކަތުން އެކަހެރިކޮށްފި

ވިލިގިލީގައި ހިންގަމުންދާ ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފި އެވެ.

އަވަސްއިން ސުވާލު ކުރުމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައިވާ ކަމަށެވެ. އޭނާ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ޖެންޑާ މިނިސްޓްރީން އެ ނިންމުން އިއްޔެ ވާނީ އޭނާއާއި ހިއްސާކޮށްފައި. މިހާރު ހިޔާގެ ސީއީއޯ ހުންނެވީ މަގާމުގެ ހުރިހާ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން އެކަހެރި ކުރެވިފައި." އޮފިޝަލް ވިދާޅުވިއެވެ.

ކުޑަކުދިންގެ ހިޔާގެ ސީއީއޯ މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފައި މިވަނީ ހިޔާގައި އުޅޭ ކަމަށް ބުނާ ކުޑަ އަންހެން ކުއްޖަކު އެ ތަނުގައި އޭނާއަށް ކުރިމަތިވާ ފުރައްސާރަތައް ކިޔައިދޭ ވީޑިއޯއެއް އާންމުވެފައިވަނިކޮށެވެ.

މި ވީޑިއޯ އާންމުވެފައި މިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ ގުޅިގެން ގައުމު ހޫނުވެފައި ވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއިން އެ ކުއްޖާގެ މޫނެއް ނުފެނެ އެވެ. ނަމަވެސް ގިސްލަމުން އެ ކުއްޖާ، އެހެން ކުއްޖަކަށް ކިޔައިދޭ ވާހަކަތައް އަޑުވި އެވެ. ފަހަތުގައި އެހެން ކުދިންތަކެއް ކުޅޭ މަންޒަރު ވެސް ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ ހިޔާގެ ތެރެ އެވެ. އެއް މިނެޓްގެ އެ ވީޑިއޯގައި ކުއްޖާ ވަނީ އެ ތަނުގައި ކުދިން ބަލަހައްޓަން ތިބޭ މީހުންގެ ރުންކުރުކަމާއި އަޅާނުލާކަން ފާހަގަ ކޮށްފަ އެވެ. އަދި ރަނގަޅަށް ކާން ނުދޭ ކަމަށް ވެސް އެ ކުއްޖާ ބުނެ އެވެ. އެކަމުގެ ޝަކުވާ ކުރިޔަސް އެއްވެސް އަޅާލުމެއް އަދި ފިޔަވަޅެއް ނާޅާ ކަމަށް ގިސްލަމުން ވާހަކަ ދެއްކި ކުއްޖާ ބުނެ އެވެ.

ހިޔާގައި އުޅޭ ފިރިހެން ކުދިންގެ ފަރާތުން ފުރައްސާރައިގެ ބަސްތައް އަމާޒުވާ ކަމަށް ވެސް އެ ކުއްޖާ ބުނެ އެވެ. އެކަމާމެދު ވެސް އެއްވެސް ފިޔަވަޅެއް އަޅައިނުދޭ ކަމަށް ކުއްޖާ ބުނެ އެވެ.

ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އެންމެ ރަނގަޅު އަޅާނުލުން ނުލިބޭ ކަމާއި އިހުމާލުވާ ކަމުގެ އަޑުތައް ކުރިން ވެސް ފެތުރެ އެވެ. ބައެއް ކުދިން އެ ތަނުން ފިލައިގެން ދާ މައްސަލަތައް ވެސް ފެންމަތިވެ އެވެ.