ޗައިނާ

ޗައިނާގައި ތިބި ދިވެހިން އެމްބަސީގައި ރަޖިސްޓްރީވާން އަންގައިފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން އެގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ޕްރޮވިންސްގައި ހަ ދިވެހިން އެބަތިބި ކަަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ. ދިވެހިންނާ އެމްބަސީއަށް ގުޅިފައިވާއިރު، ވޫހާންގައި ތިބި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ދަނީ ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޗައިނާ ފޮރިން މިނިސްޓްރީއާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންނެވެ. އަދި ޗައިނާގައި ތިބި އެހެން ގައުމުތަކުގެ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަ ރުކޮށްދޭނެކަމުގެ ޔަގީންކަން ޗައިނާ ފޮރިން މިނިސްޓްރީއިން ދީފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

"ހަމައެއާއެކު މިހާރު ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތައް ތަންފީޒުކުރަމުންދާ ކަމުގެ ޔަގީންކަންވެސް އެގައުމުން ވަނީ ދީފައި، މި ޕްރޮޓޮކޯލްތަކުގެ ދަށުން ވޫހާން ޕްރޮވިންސަށް ވަދެ ނިކުތުން މިވަގުތަށް ހުއްޓުވާފައިވާކަންވެސް ފާހަގަކުރަން." ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

ޗައިނާގެ އެހެން ހިސާބުތަކަށްވެސް މި ވައިރަސް ފެތުރެމުންދާތީ، އެ ގައުމުގައި ތިބި ހުރިހާ ދިވެހިންވެސް އެމްބަސީގައި ރަޖިސްޓްރީ ކުރުމަށް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން ބުނާ ގޮތުން ވައިރަސް ޖެހިފައިވާ މީހުން އެ ގައުމުގެ 13 ޕްރޮވިންސަކުން މިހާރު ފެނިފައިވެއެވެ.