ވިޔަފާރި

ބަނޑަހަ ފައިނޭންޝަލްސްގެ ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ބާތިލްކޮށްފި

މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބަނޑަހަ ފައިނޭންޝަލްސް ކުންފުންޏަށް ދޫކޮށްފައިވާ ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ބާތިލްކޮށްފި އެވެ.

އެމްއެމްއޭ އިން ބުނީ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑް އަށް އެ އޮތޯރިޓީން ދޫކޮށްފައިވާ ރެމިޓަންސް ވިޔަފާރި ކުރުމުގެ ލައިސަންސް ބާތިލް ކޮށްފައިވާކަން އާންމު މައުލޫމާތަށްޓަކައި އަންގާ ކަމަށެވެ. އެ ކުންފުންޏަށް ދީފައިވާ ހުއްދަ ބާތިލްކޮށްފައި ވަނީ އިއްޔެ އެވެ.

ބަނޑަހަ ކުންފުނީގެ ބޭރު ފައިސާ މާރުކުރުމުގެ ހުއްދަ ބާތިލްކޮށްފައިވަނީ އެ ކުންފުނީގެ މައްސަލައެއް ތަހުގީގު ކުރުމަށްފަހު އެވެ. އެ ކުންފުނީގެ މައްސަލައެއް ބަލާތީ އެމްއެމްއޭއިން ދީފައިވާ ހުއްދަ މިދިޔަ އަހަރުވެސް ވަނީ ހިފައްޓާފަ އެވެ. އެ ފަހަރު ހިފައްޓާފައިވަނީ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރެމިޓަންސް ވިޔަފާރި ލައިސަންސާއި އެ ކުންފުންޏާ ގުޅުން އޮންނަ ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް އެވެ.

އެ ކުންފުނީގެ ހުއްދަ ހިފެހެއްޓުމާ ބެހޭ ގޮތުން އެމްއެމްއޭ އިން ކުރިން ބުނެފައިވަނީ، އެ ވިޔަފާރި އަށް ދޫކޮށްފައިވާ ލައިސަންސް ސަސްޕެންޑް ކުރީ އިތުރަށް ބަލަންޖެހޭ ކަންތައް ތަކެއް ހުރުމުގެ ސަބަބުން އެކަމާ ގުޅޭ ތަހުގީގެއް ކުރާތީ ކަމަށެވެ. ރެމިޓަންސް ވިޔަފާރި ލައިސަންސް ދޫކޮށްފައިވާ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑް އިން މާލޭގައި ދެ ތަނެއްގައި ވިޔަފާރި ކުރެ އެވެ. އެއީ ޗާންދަނީ މަގު އެމްއެފް ބިލްޑިންގެ ގްރައުންޑް ފްލޯ އަދި ހ. ގަލަދުންގޭގެ ގްރައުންޑް ފްލޯގަ އެވެ.