ރިޕޯޓް

މައުމޫން މަގާމުން ދުއްވާލުމަކީ ނުބައި ބަޓަނަކަށް ފިތާލުންތަ؟

Aug 31, 2015

މިކަމާ ދެބަހެއް ނުވާނެ އެވެ؛ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ ވަރުގަދަ އެއް ސިޔާސީ ލީޑަރެވެ. އެމަނިކުފާނު ރާއްޖޭގެ ވެރި ކަމަށް ވަޑައިގަތުމާއި އެވެރިކަން ނިމިގެން ދިއުމާއި އޭގެ ފަހުން މިއަދާ ހަމައަށް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އެމަނިކުފާނުގެ ސިޔާސީ ރޭވުންތެރި ކަމުގެ ކުޅިބައި ނުހިނގާ އިރެއް "ސައި" ވެފައި ހުރި އިރެއް ނުދެ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސިޔާސީ ކެރިއަރުގެ އެންމެ މުހިންމު ބައިވެރިޔަކީ އަދި އެންމެ ގަދަ ބާރަކީ ވެސް ރައީސް މައުމޫނެވެ. ސަބަބަކީ ރައީސް މުހައްމަދު ނަޝީދު ފަދައިން ރައީސް މައުމޫނަށް އޮންނަ ތާއީދެ އެވެ. ރައީސް ޔާމީންގެ ވެރިކަން ނިސްބަތްވާ ޕީޕީއެމްގެ ރައީސަކީ ވެސް ރައީސް މައުމޫނެވެ. ވަަރަށް ގިނަ މީހުން ދެކޭ ގޮތުގައި ޔާމީނަށް ލިބި ވަޑައިގެންނެވި ތާއީދަކީ ރައީސް މައުމޫނަށް ދެއްވި ތާއީދެކެވެ.

އެހެންނަމަވެސް މިހާރު އެންމެންގެ ސުވާލަކަށްވާނީ ޕީޕީއެމްގެ ރައީސްކަން މައުމޫނަށް ގެއްލެނީ ހެއްޔެވެ؟ މައުމޫނަށް މަގާމު ގެއްލިއްޖެ ނަމަ ދެންވާނީ ކިހިނެއްޔެވެ؟ ޕީޕީއެމްގެ ތެރޭގައި، ސިޔާސީ މައިދާނުގައި ވާން މިއުޅެނި ކިހިނެއް ހެއްޔެވެ؟ ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަކީ ރައީސް ޔާމީން ބޭނުންފުޅު ނުވާ ކަމެއް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގައި ނިިމިގެން ނުދާނެ ކަމެވެ.

ރާއްޖޭގެ ސިޔާސީ މައިދާނުގެ ރާޅު ބަނޑު ދަމާލާ ހަރަކާތެއް ނެތި އޮންނަތާ ދެ މަހެއް ދުވަސްވެއްޖެ އެެވެ. ކިރިޔާވެސް ސިޔާސީ ހަރަކާތައް އޮތީ އެމްޑީޕީގެ ހަރުގޭގަ އެވެ. އެކަން ވެސް ވެފައި ވަނީ ސިޔާސީ ކަމަކަށްވުރެ ބޮޑަށް "ރާއްޖެ ޓީވީ" އާއި "ސަންގު ޓީވީ" އިން ކޯޅޭ ޖޯކަކަށެވެ.

ސިޔާސީ އުދަ އަނެއްކާވެސް ބޮޑުވާން ފަށައިފި ކަމަށް ފެނުނީ ރައީސް މުހައްމަދު ނަޝީދު އަނބުރާ ޖަލަށް ގެންދިއުމާއި އޭގެ ކުރިން ރައީސް އަބްދުﷲ ޔާމީނުގެ 2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން ހިންގަން ބޭނުންވާ ލީޑަރުން ތައްޔާރު ކުރުމަށް ބާއްވާ މަހާ ސިންތާއެއްގެ ވާހަކައާއެކު ޕީީޕީއެމްގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ބޭރަށް ފެންނަ ވަރަށް ހިލިގަތުމުންނެވެ.

މި ހާރު މިއޮތީ ކުރިން ވެސް ސިޔާސީ މަސްރަހުގައި ސްޕެކިއުލޭޓް ކުރި މައްސަލައެއް އައިސްފަ އެވެ. ނައިބު ރައީސް ޑރ. ޖަމީލަށްފަހު ރައީސް މައުމޫނު އެއް ފަަރާތް ކުރުމަކީ ކުރާނެ ކަމެއް ކަމަށް ކުރިން ވެސް މީހުން އައީ ބުނަމުންނެވެ. މިއީ ޕީޕީއެމުގައި ރައީސް ޔާމީންގެ ވިންގުގެ ތެރެއިން އަންނަ އެފަދަ ނިންމުމަކަށްވެއްޖެ ނަމަ ތަފާތު ނަތީޖާތެއް ނުކުތުމުގެ ފުރުސަތު އެބައޮތެވެ.

ރައީސް މައުމޫނަށް ޕާޓީގެ ރައީސްކަން ގެއްލެނީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނަން އުޅޭ އިސްލާހެއްގެ ސަބަބުންނެވެ. މަޖިލީހުގައި މިހާރު އޮތް އެ އިސްލާހު ވެއްދީ ޕީޕީއެމަކުން ނޫނެވެ. އެ އިސްލާހު ވެއްދީ އެމްޑީޕީގެ ޕާލަންމެންޓްރީ ގްރޫޕްގައި ހިމެނި ވަޑައިގަންނަވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ. އެ އިސްލާހާ އެމްޑީޕީއަކުން ހަވާލެއް ނުވެ އެވެ. މީގެ ކުރިން ވެސް މިފަދަ ހާލަތެއް އައެވެ. އެއީ ސުޕްރީމް ކޯޓްގެ ބެންޗު ބަދަލު ކުރި މައްސަލަ އެވެ. މައްސަލަ ވެއްދީ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފެވެ. އެމްޑީޕީއަކުން ހަވާލެއް ނުވެ އެވެ. މައްސަލައިގައި ދުވުނީ ޕީޕީއެމުންނެވެ. މިހާރު މިފެންނަނީ ވެސް އެއާ ގާތް ކުރާ މަންޒަރެކެވެ.

ސިޔާސީ ޕާޓީތަކުގެ އިސް މަގާމްތަކުގެ އެންމެ މަތީ އުމުރަކީ 65 އަހަރު ކަމަށް ކަނޑައަޅާ ސަބަބެއް ކަމަށް އާޒިމްގެ ބިލްގައި ބުނެދީފައި ވަނީ ދައުލަތުގެ އެންމެ އިސް ވެރިޔާގެ އުމުރަކީ ވެސް 65 އަހަރު ކަމަށް ދާދި ފަހުން ގާނޫނު އަސާސީގައި ބަޔާން ކުރުމުން ގާނޫނުއަސާސީއަށް ގެނައި ބަދަލާ ސިޔާސީ ޕާޓީތަކުގެ ގާނޫނު މުތުލަގަށް އެއްގޮތް ކުރުމެވެ.

އެއް ނަޒަރަކުން ބަލާއިރު ރަނގަޅު ވިސްނުމެކެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދު ކަމަށް ކަނޑައަޅައި ގާނޫނުއަސާސީ އަށް ދާދި ފަހުން ބަދަލު ގެނައި ބަދަލާ މި ބަދަލާ ފުށު އެރުންތައް ކުޑަ ކޮށްފައި ބޭއްވުމަކީ ނިޒާމުގައި އެއް ވިސްނުމެއް ގެންގުޅޭ ކަމަށް ކަނޑައެޅިދާނެ ގޮތެކެވެ.

އާޒިމްގެ އިސްލާހާއެކު ޕީޕީއެމް "އެލާޓް" ވެއްޖެ އެވެ؛ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް މަގާމު ގެއްލޭ ގޮތަށް ގާނޫނަށް ހުށަހަޅާ އިސްލާހާ މެދު އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕަށް އޮތީ ގޮތެއް ނުނިންމި "ވާނުވާ" ގައެވެ.

މި މައްސަލާގައި ރޭ ބާއްވާން އޮތް ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމަށް އެ މައްސަލަ އެޖެންޑާ ކުރި އެވެ. ނަމަވެސް ރޭވަނީ އެ ބައްދަލުވުން ވެސް ނުބޭއްވި އެވެ. އެ ބައްދަލުވުން ރޭ ނުބޭއްވުނު ކަމަށް ބުނެފައި ވަނީ ރައީސް މައުމޫނަށް ރޭ މާލެ ވަޑައި ނުގެންނެވިގެން ނުބޭއްވުނީ ކަމަށެވެ.

ޕީޕީއެމްގެ ކައުންސިލް އެތުރިފައި އޮންނަ ގޮތަށް ބަލާއިރު ޕީޖީ ގްރޫޕްގެ ބާރު ކައުންސިލްގައި ވަރަށް ބޮޑެވެ. އަޑުތައް ހުރި ގޮތުންނަމަ ކުރިޔާ ހިލާފަށް ކައުންސިލްގައި ރައީސް މައުމޫން ކޮންޓްރޯލް ކުރައްވާ ގޮނޑިއަށްވުރެ ގިނައީ ރައީސް ޔާމީންގެ ވިންގުގެ ގޮނޑި އެވެ. އެހެންވުމުން އެހެން ކަމުން ރޭގައި ކައުންސިލް މީޓީން ނުބޭއްވި ދިޔަ ގޮތަށް ދެން އެ ބައްދަލުވުން ނުބޭއްވި ލަސްވަމުންދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ބައެއް މީހުންގެ ނަޒަރުގައި މިއީ ޕީޕީއެމްގައި ރައީސް ޔާމީނުގެ ކޭމްޕުން ބޭނުންވާ ނިންމުމެކެވެ. ފަހަރުގައި އެހެން ނުވެދާނެ އެވެ. އެކަން ކަށަވަރުވާ ހިސާބަކަށް ހުރިހާ އެއްޗެއް އަދި ތިލައެއް ނުވެއެވެ.

"އިސްލާހެއް ހުށަހަޅައިގެން އުޅެނީ ޕީޕީއެމަކުން ނޫން. މަޖިލީހުގެ މެޖޯރިޓީ އޮތީ ޕީޕީއެމަށް. އެހެންވީމާ މި މައްސަލާގައި ޕީީއެމުން އެލާންޓްވާންވީ ކޮންކަމަކާ ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުންގެ ބަސް މަގު ހުރި ގޮތާއި ކަންކަން މިދާ ގޮތަށް ބަލާއިރު ބޮޑަށް ބެލެވެނީ މިއީ ޕީޕީއެމުގެ ވަކި ވިންގަކުން ބޭނުންވާ ގޮތްހެން، އާޒިމް ހުށަހެޅުމަކީ 'ރީލޯޑް' އަކަށް ވެސް ވެދާނެ، އާޒިމްގެ ބިލް މަޖިލީހަށް ބަލައި ގަތުމަކަކީ ވެސް ބަދަލުގެ ސިގުނަލެއް ނޫންތޯ؟" އެކަކު ތުހުމަތު ކުރި އެވެ.

އެ ބިލް މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް ވޯޓު ދޭން ޕާލަމެންޓްރީ ގްރޫޕުން ނިންމުމަށް ރައީސް މައުމޫން ގެ ދަރިކަލުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހުށަހެޅުއްވި އެވެ. ނަމަވެސް މިދިއަ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ ޕީޖީ ބައްދަލުވުމުގައި ވެސް އެކަމަށް ގޮތެއް ނުނިމުނެވެ. އެކަމަށް ގޮތެއް ނިންމަން ދެވަނަ ބައްދަލުވުމެއް ބޭއްވުމުން ބޭފުޅުން ވަޑައެއް ނުގަތެވެ. މާނައަކީ ރައީސް މައުމޫން ޕާޓީގެ ލީޑަޝިޕްގައި ތިބުމަށް ބޭނުންނުވާ ވިންގެން އޮތުމެވެ. – އޭގެ މާނައަކީ މައުމޫނަށް މަގާމް ގެއްލޭ އިސްލާހަށް ވޯޓު ދޭން އަދި ނިންމުމެއް ވެސް ނޫނެވެ. --

ރާގު އެކި ދިމާއިން ހުރީ އެކި ގޮތަށެވެ. ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި އެ އިސްލާހަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު ވޯޓެއް ދެއްވާނެ ކަމަކަށް އޭނާއަށް ފެނިވަޑައެއް ނުގަންނަވަ އެވެ. ވިދާޅުވި އެވެ: "ޕީޕީއެމްގެ ރައީސް މައުމޫނަށް ދެރައެއް، ނިކަމެތި ކަމެއް ލިބޭ ފަދަ އެއްވެސް ކަމެއް ޕާޓީގެ އެއްވެސް ގުނަވަނަކުން ނުކުރާނެ،"

މި އިސްލާހުގެ މައްސަލާގައި ފުރަތަމަ ރިއެކްޓް ކުރެއްވި ބޭފުޅަކީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އިސްލާހު ފާސްވިޔަ ނުދެއްވާނެ އެވެ. އަދި އެ އިސްލާހު ފާހެއް ވެސް ނުވާނެ އެވެ.

އާޒިމްގެ އިސްލާހަށް ބާރު ލިބޭގޮތަށް ފާޅުގައި މިހާތަނަށް ޕީޕީއެމުގެ ތެރެއިން ވާހަކަފުޅު ދައްކަވާފައި ވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ޕީއެމް އަކީ ވަކި މީހެއްގެ [ރައީސް މައުމޫންގެ] މިލްކެއް ނޫނެ" ވެ.

ޕީީޕީއެމްގެ މިބާވަތުގެ ނިންމުންތަކުގައި ފަހަކަށް އައިސް އެންމެ ފުރަތަމަ ތާޅަފިލި ފުމެލައްވަނީ މުސްތޮފާ އެވެ. އޭނާ ވިދާޅުވާ ގޮތަށް އެ ކަންކަން ހުރީ މިހާތަނަށް ހިނގާފަ އެވެ. މިސާލަކަށް ބަލާނަމަ ނައިބު ރައީސްގެ މައްސަލަ ނެގިދާނެ އެވެ.

މި ބިލުގެ ހަގީގަތް މުޅިން ސާފުވާން އަދި ވަގުތުކޮޅެއް ބޭނުންވެ އެވެ. ރައީސް ޔާމީން ކަމެއްގައި ފިޔަވަޅެއް އެޅުއްވުމުގެ ކުރިން ފެންނަނީ ވަރަށް ބޮޑަށް ސިޔާސީ ގޮތުން އެކި ދިމަ ދިމައިން ޓެސްޓް ކުރައްވާ މަންޒަރެވެ. ފަހަރުގައި މިއީ ހައްދަވާލައްވާ "އެސިޑް ޓެސްޓަ"ކަށް ވުމަކީ ވެސް ގާތް ކަމެކެވެ.

ސަބަބަކީ ރައީސް މައުމޫނަށް ޕާޓީގެ މަގާމު ގެއްލުމުން އެމަނިކުފާނަށް ގެއްލިގެންދާ އެއްޗަކަށް ވުރެ ބޮޑަށް ރައީސް ޔާމީނަށް ގެއްލިގެންދާނެ އެއްޗެއްސާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ސިޔާސީ މައިދާނުގައި އަދި އޮތީމަ އެވެ. އެ ވިސްނުމަށް ބަލައިގެން ވަރުން އަޅުވާނަމަ މި މައްސަލަ މަޖިލީހުން ފާސްކޮށް ރައީސް މައުމޫނަކީ ޕީޕީއެމްގައި "ގޮނޑި މޭޒު" ނެތް ބޭފުޅަކަށް ހަދައިލުމަކީ ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ މެންބަރުންނަށް ފިއްތައިލެވޭ "ނުބައި ބަޓަނަކަށް" ވެގެން ދިއުމަކީ ވަރަށް ގާތްކަމެކެވެ. އެނޫން ނަތީޖާއެއް ދައްކާނަމަ ސިޔާސީ މަސްރަހު ޓެސްޓްކޮށް ބަދަލު ގެނައުމުގައި ރައީސް ޔާމީންގެ ވިސްނުން މާ މޮޅީ އެވެ. އެމަނިކުފާނު ވިސްނަން ފައްޓަަވަނީ އެހެން މީހުންގެ ވިސްނުން ނިމޭ ހިސާބުންނެވެ.