ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެކުލަވާލާފައިވާ "ޖަލު އޮޑިޓް ރިޕޯޓް" ގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ކަމަށް ކުރީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
ކުރީގެ ސީޕީ މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ.
މުނާޒް ވިދާޅުވީ "ޖަލު އޮޑިޓް ރިޕޯޓް" ގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ އެކަންކަން ބެލުމަށް ކޮމެޓީއެއް އެކުލަވާލި ނަމަވެސް އެ ކޮމެޓީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. މުނާޒް ވިދާޅުވީ އެ ކޮމެޓީން 2019 ވަނަ އަހަރު ބޭއްވީ ގިނަ ވެގެން ދެ ބައްދަލްވުން ކަމަށެވެ.
މީގެ އިތުރުން "ޖަލު އޮޑިޓް ރިޕޯޓް" ގައިވާ ކަންކަން ހާސިލްކުރުމަށް ބަޖެޓްވެސް ނުދޭ ކަމަށް މުނާޒް ވަނީ ވިދާޅުވެފައެވެ.
"ޖަލު އޮޑިޓް ރިޕޯޓްގައިވާ ކަންކަން ހާސިލް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ބަޖެޓް ދެއްވިންތޯ." މަޖިލީހުގެ ރައީސް ނަޝީދާއި، އެޗްއާރުސީއެމްއަށް ޓެގް ކޮށް މުނާޒް ކުރި ޓްވީޓްގައި ސުވާލު ކުރައްވާފައިވެއެވެ.
ޖަލު އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައި ހުރި ކަންކަން ތަންފީޒު ކުރޭތޯ ބަލަން ހޯމް މިނިސްޓްރީން ކޮމެޓީއެއް އެކުލަވާލާފައިވަނީ ޖޫން 3، 2019 ގައެވެ.
"ޕްރިޒަންސް ރިފޯމް މޮނިޓަރިން ކޮމެޓީ" ގެ ނަމުގައި އެކުލަވާލި މި ކޮމިޓީގައި ފަސް މެމްބަރުން ހިމެނި ވަޑައިގަންނަވަ އެވެ.
ކޮމިޓީގެ ހިމެނި ވަޑައިގަންނަވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދާއި ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު އާސިފް އަދި ފުލުހުންގެ ތަރުޖަމާނު އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރެވެ. ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާނީ މިނިސްޓަރު އިމްރާނެވެ.
މިދިޔަ އަަހަރުގެ އެޕްރީލް މަހު ނެރުނު ޖަލު ރިޕޯޓުގައި، ޖަލަށް ގެންނަން ބޭނުންވާ ބަދަލުތަކާއި އިސްލާހު ކުރަންޖެހޭ 180 އަށްވުރެ ގިނަ ކަންތައްތައް ފާހަގަ ކޮށްފައި ވެ އެވެ.
މުނާޒް މަގާމުން ވަކިކޮށް، ޖަލު އޮޑިޓް ރިޕޯޓް ތަންފީޒުކުރެވޭތޯ ބަލަން މިނިސްޓަރު އިމްރާން އުފެއްދެވި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދުފުޅު މިހާރު ވަނީ ސީޕީގެ މަގާމަށް އައްޔަން ކުރައްވާފައެވެ.