ހަބަރު

ދަރިންނަށް އެއްވެސް އަނިޔާއެއް ދިނުން ހަރާމް: ހުތުބާ

މައިމީހާގެ ރަހިމުގައި ދަރިފުޅު ގަރުބަގަންނަ ހިސާބުން ފެށިގެން އެ ދަރިފުޅަށް އަޅައިލުމަށް އިސްލާމްދީން ގަދަ އަމުރު ކުރައްވާފައިވާ ކަމަށާ ދަރިންނަށް އެއްވެސް ކަހަލަ އަނިޔާއެއް ދިނުން ދީނުގައި ހަރާމް ކުރައްވާފައިވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

"ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ދިނުމާއި، ޖިންސީ ގޯނާ ކުރުމުގެ ނުބައިކަން" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު އިއްވި ހުތުބާގައި ބުނެފައިވަނީ މައުސޫމް ޅަ ދަރިން ބެލެހެއްޓުމާއި އަޅާލުމުގެ ޒިންމާ އުފުލުމާ މަތިކުރެވިފައިވާ ފަރާތްތަކުން އެ ދަރިންނަށް ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާތައް ދެމުންދާއިރު، އެ އަނިޔާތަކާމެދު އެ ކުދިން ސުވާލުކުރާނެ ދުވަސް ކައިރިވަމުން އަންނަ ކަމަށެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާތައް ކުރުމާއި، ޖިސްމާނީ އަަނިޔާތައް ދިނުމަށް ޖެހިލުންނުވާ އިންސާނުން މުޖްތަމައުގައި އުޅޭކަމަކީ އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާއެއް ކަމަށާ މި ކާރީސާ ދިވެހި މުޖްތަމައުގައި ތަކުރާރުވިޔަ ނުދިިނުމަށްޓަކައި ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ޒިންމާތަކެއްވާކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އެއީ ޒިންމާދާރު ހެޔޮލަފާ މުސްލިމަކަށްވުން. މަރުވާނެކަން ހަނދާން ކުރުން. މަރުވުމަށްފަހު ކުޅަ އަމަލުތަކާއި، ކޮށްފައިވާ ކުށްތަކާއި ފާފަތަކުގެ ހިސާބު ބެއްލެވޭނެ ކަމާމެދު ގާފިލްނުވުން."

ކުޑަކުދިންނާއި އެންމެ ގާތްކޮށް އުޅޭ މީހުންގެ ފުށުން އެ ކުދިންނަށް ލާއިންސާނީ އަނިޔާތައް ލިބި އެކަންކަން ތަކުރާރުވަމުން ދިއުމަކީ މުޅި އިންސާނިއްޔަތު ލަދުވެތިވާން ޖެހޭ ޖަރީމާއެއް ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

"އެއީ ބޮޑުވެގެންވާ މުސީބާތެއް. އެއްވެސް އާރެއް ބާރެއް އަދި އަމިއްލަ ނަފްސު ދިފާއުކުރާނެ ފަންނެއް ހުނަރެއް ނެތް ކުޑަކުދިންނާ ދިމާކޮށްލާ، ރަހުމްކުޑަ މީހުންކަމުގައި، އެ ކުދިންގެ ބެލެނިވެރިންނާ ގާތް މީހުން ވެގެންދިއުމަކީ ބޮޑު މުސީބާތެއް ފާވެގެން ހިނގައިދާނެ ކަމުގެ އިންޒާރެއް. ދައުރުވަމުންދާ ދުނިޔެއަށް އިރުއަރައިގެން އަންނަ ކޮންމެ ދުވަހަކީ، ކޮންމެވެސް ކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ދެވޭ ދުވަހެއްގެ ގޮތުގައި އިންސާނީ ތާރީހުގައި ލިޔެވިގެން ދިއުމަކީ، މި ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނެއްގެ ނިތްކުރީގައި ޖެހިގެންދާ ލަދުވެތިކަމުގެ ލައްގަނޑެއް. އަނިޔާވެރިކަމާއި، ލާއިންސާނީ މިފަަދަ އަމަލުތަކުން އުފެދޭ އުދަބާނީތައް ބިޔަވެ، ފެތުރި ފުޅާވަމުން ނުދަނީސް، ހުއްޓުވުމަށް ކޮޮންމެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުގެ ވަގުތު ޖެހިއްޖެ." ހުތުބާގައި ބުނެފައިވެއެވެ.

ދަރިންނަކީ މައިންބަފައިންގެ މައްޗަށްވާ ބޮޑު އަމާނާތެއް ކަމަށާ މުޖްތަމައުގައި ފާޅުވަމުންދާ ލާއިންސާނީ އަމަލުތަކާމެދު މުޅި މުޖްތަމައު ފުންކޮށް ވިސްނަން ޖެހިފައިވާ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

"އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހެއްގެ ޒިިންމާއެއް އޮތްކަން ހަނދާންނުކޮށް ތިބެން ހެޔޮ ނުވާނެ. އަހަރެމެންގެ ތެރެއިން ހަމަ ކޮންމެ މީހަކީ އިސްލާމްދީން ތަމްސީލްކުރާ މުސްލިމެއް. އަހަރެމެން ތެރެއިން ހަމަ ކޮންމެ ދިވެހި މުސްލިމް އަންހެނަކާއި ފިރިހެނަކުވެސް ތިމާއަކީ ވަރަށް މުހިންމު ފަރާތްތަކެއް ތަމްސީލްކުރާ މީހެއްކަން ދަންނަންޖެހޭ. މި ދިވެހި ފަސްގަނޑަށް ނިސްބަތްވާތީ، ދިވެހި ރާއްޖޭގެ ރީތި ނަމާއި ޝަރަފް ދަމަހައްޓަން މަސައްކަތް ކުރާ މީހަކަށްވާންޖެހޭ. އަހަރެމެންގެ ދަރިންނާއި އާއިލާތައް ތަމްސީލްކުރާ ޒިންމާދާރު ބައްޕައަކަށް ނުވަތަ މަންމައަކަށް ނުވަތަ ބެލެނިވެރިއަކަށް ވާންޖެހޭ." ހުތުބާގައި ބުނެފައިވެއެވެ.

އެއްވެސް އާރެއް ބާރެއް އަދި އަމިއްލަ ނަފްސު ދިފާއުކުރާނެ ފަންނެއް ހުނަރެއް ނެތް ކުޑަކުދިންނާ ދިމާކޮށްލާ، ރަހުމްކުޑަ މީހުންކަމުގައި، އެ ކުދިންގެ ބެލެނިވެރިންނާ ގާތް މީހުން ވެގެންދިއުމަކީ ބޮޑު މުސީބާތެއް ފާވެގެން ހިނގައިދާނެ ކަމުގެ އިންޒާރެއް. ދައުރުވަމުންދާ ދުނިޔެއަށް އިރުއަރައިގެން އަންނަ ކޮންމެ ދުވަހަކީ، ކޮންމެވެސް ކުއްޖަކަށް ޖިންސީ ގޯނާއެއް ނުވަތަ ޖިސްމާނީ އަނިޔާއެއް ދެވޭ ދުވަހެއްގެ ގޮތުގައި އިންސާނީ ތާރީހުގައި ލިޔެވިގެން ދިއުމަކީ، މި ދުނިޔެއަށް އުފަންވާ ކޮންމެ އިންސާނެއްގެ ނިތްކުރީގައި ޖެހިގެންދާ ލަދުވެތިކަމުގެ ލައްގަނޑެއް. އަނިޔާވެރިކަމާއި، ލާއިންސާނީ މިފަަދަ އަމަލުތަކުން އުފެދޭ އުދަބާނީތައް ބިޔަވެ، ފެތުރި ފުޅާވަމުން ނުދަނީސް، ހުއްޓުވުމަށް ކޮޮންމެ މީހެއްގެ ފަރުދީ ޒިންމާ އަދާކުރުމުގެ ވަގުތު ޖެހިއްޖެ
ހުކުރު ހުތުބާ | 2020-01-24

ގައުމެއް ފަސާދަވަނީ އެ ގައުމެއްގައި ދިރިއުޅޭ މީހުންގެ ސުލޫކާއި އުޅުންތައް ގޯސްވެގެން ކަމަށާ ގައުމުގެ ހާލަތު ބަދަލު ކުރެވޭނީ އެންމެހާ ފަރުދުންގެ އަމިއްލަ ނަފްސުތައް ހެޔޮ މަގަށް މިސްރާބުވެގެން ދިޔަ ދުވަހަކުން ކަމަށްވެސް ހުތުބާގައިވެއެވެ.