ހަބަރު

ވަޒީފާ ދިނުމުގައި މިހާރު އިސްކަން ދެނީ ހުނަރުވެރި ކަމަށް: މަލީހު

އިމްތިހާނުތަކުން ހޯދާ މަތީ މާކުހާއި ލިބޭ ސެޓްފިކެޓްތަކަށްވުރެ ވަޒީފާ ދިނުމުގައި މިހާރު އިސްކަން ދެނީ މައްސަލަތައް ހައްލު ކުރުމަށް ބޭނުންވާ ހުނަރު ހުންނަ ޒުވާނުންނަށް ކަމަށް ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ ތައުލީމާއި ބެހޭ ދުވަހާއި ގުޅިގެން މިނިސްޓަރު މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިގްތިސާދީ ތަރައްގީ އާއި ދިރިއުޅުމުގެ ވައްޓަފާޅި އަށް ދަނީ ބޮޑެތި ބަދަލުތަކެއް އަންނަމުން ކަމަށެވެ. އެގޮތުން، ހުރިހާ ކަމެއްގައި ސައިންސާއި ޓެކްނޮލޮޖީ އަށް ބަރޯސާ ވަމުން އަންނައިރު ވަޒީފާތައް ދިނުމުގައިވެސް މިހާރު އިސްކަން ދެނީ މައްސަލަތަކަށް ކުރިމަތި ލުމާއި އެ ކަންކަން ހައްލު ކުރުމަށް ބޭނުންވާ ހުނަރަށް ކަމަށެވެ.

މިނިސްޓަރުގެ ބަޔާނުގައި، ހިސާބު އިލްމަކީ ޒަމާނަށް ބޭނުންވާ ފަންނުތަކުގެ ބިންގަލަކީ ހިސާބު ކަމަށް ވިދާޅުވެ އެވެ. އެގޮތުން، ސިވިލް އިންޖިނިއަރިން އާއި ރޮބޮޓިކްސް އާއި ކެމިސްޓްރީ ފިޒިކްސް އަދި ކުރެހުން ފަދަ މާއްދާ ތަކުގައިވެސް އެންމެ މުހިއްމީ ހިސާބު އިލްމު ކަމަށް ވިދާޅުވި އެވެ.

"ހިސާބު ފޮތުގައި އޮންނަ ނަމްބަރުތަކާއި ފޯމިއުލާތަކަކީ ޕްރެކްޓިސް ކޮށްލަން އޮންނަ އެއްޗެއް ކަމަށް ގަބޫލުކޮށްގެން ނުވާނެ. ކޮންމެ ފޯމިއުލާއެއްވެސް މުހިއްމުވާ ގޮތަށް ދަރިވަރުންނަށް ކިޔަވައިދޭންޖެހޭ. އަދި ދިރިއުޅުމުގައި އެ ފޯމިއުލާތައް އެޕްލައި ކުރާނެ ގޮތްވެސް ކިޔައިދޭން ޖެހޭ" މިނިސްޓަރުގެ ބަޔާނުގައިވެ އެވެ.

އަދި، ސަރުކާރުގެ ސްޓްރެޓަޖިކް އެކްޝަން ޕްލޭންގައި ސައިންސް އާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިން އާއި ހިސާބު އިލްމު ތައުލީމީ މަންހަޖުގެ ތެރެއިން ފޯރުކޮށްދޭން ފަށާފައިވާތީ ތޫނުފިލި އުފެއްދުންތެރި ޖީލެއް ބިނާކުރަމުން އަންނަ ކަން މިނިސްޓަރުގެ ބަޔާނުގައި ފާހަގަކޮށްފައި ވެ އެވެ.