ހަބަރު

ކައުންސިލް އިންތިހާބު ކެމްޕޭނަށް އިމްރާން ހދ. އަތޮޅުގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކެމްޕެއިން އަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހދ. އަތޮޅުގެ ރަށްތަކަށް ފުރައިފި އެވެ.

އަދާލަތު ޕާޓީން އިންތިހާބަށް ތައްޔާރު ވުމުގެ ގޮތުން ކެމްޕޭން ފަށާފައިވަނީ ހދ. އަތޮޅުންނެވެ. އެގޮތުން، އިމްރާން އާއެކު ޕާޓީގެ ނައިބު ރައީސް އާއި އަމީން އާއްމު ހިމެނޭ ގޮތަށް ހަތް ބޭފުޅުންގެ ޓީމެއް ދަތުރު ކުރެ އެވެ. މި ޓީމު ރޭ ވަނީ ހަނިމާދޫ އަށް ގޮސް ދޮރުން ދޮރަށް ކެމްޕޭން ކޮށްފަ އެވެ. އަދި މިއަދު، ނެއްލައިދޫ އާއި ވައިކަރަދޫގައި ކެމްޕޭން ކުރި އެވެ. އަދި މާދަމާ ނޭކުރެންދޫ އަށާއި ކުމުންދޫ ގައި ކެމްޕޭން ކުރިއަށްގެންދެ އެވެ.

އަދާލަތު ޕާޓީން ބުނީ، ވައިކަރަދޫގައި ތިބި އެ ޕާޓީގެ މެމްބަރުންނާއެކު މިރޭ އެ ރަށުގައި ޖަލްސާ އެއް ވެސް ބާއްވާނެ ކަމަށެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އޭގެ ތެރެއިން 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރަން ގާނޫނުން ލާޒިމުކޮށްފައިވާތީ 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ކައުންސިލްތަކުގެ އަންހެނުންގެ ކޮމިޓީއަށް 930 މެންބަރުން ވެސް އެ ދުވަހު އިންތިހާބު ކުރާނެ އެވެ.