ޗައިނާގެ ވުހާންގައި ތިބި ހަ ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެ ދަރިވަރުންނަށް މާލީ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.
ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއާ ގުޅިގެން، އޭގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ އެ ގައުމުގެ ހޫބެއި ޕްރޮވިންސްގެ ވުހާން ސިޓީގައި ތިބި ދިވެހި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދެވޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ އިއްޔެ ބުނެފަ އެވެ.
ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވުހާންގައި ތިބި ދަރިވަރުން އެ ސިޓީން ބޭރަށް ގެންދިއުމަށްޓަކައި ޗައިނާގެ ސަރުކާރާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އެކަމަކު އެ ސިޓީން އެއްވެސް މީހަކު ބޭރު ނުވުމަށް އަންގައި ޕްރޮޓޮކޯލެއް އެ ގައުމުގެ ސަރުކާރުން އިއުލާން ކޮށްފައިވާތީ އެ ކަން ކުރަން ދަތިވެފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އެހެންކަމުން ސަރުކާރުން ނިންމީ ދަރިވަރުންނަށް ދޭން ޖެހޭ މާލީ އެހީތެރިކަން އިތުރުކޮށްދިނުމަށް،" ޝާހިދުގެ ޓްވީޓްގައި ވިދާޅުވެފައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނެފައި ވަނީ ޗައިނާގައި ފެތުރެމުންދާ ވައިރަސްއާ ގުޅިގެން ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ވުހާންގައި ތިބި ދިވެހި ދަރިވަރުންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އެ ދަރިވަރުންގެ ހާލު ރަނގަޅު ކަމަށެވެ. އަދި އެހެން ސިޓީގެ ތިބި ދިވެހިންގެ ހާލަތު ވެސް ބަލަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޗައިނާއިން ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއަށް އެތެރެ ވެދާނެތީ އެ ކަމަށް ތައްޔާރުވުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި އެތެރެވާ މީހުން ސުކްރީން ކުރުމުގެ މަސައްކަތް ވެސް ވަނީ ފަށައިފަ އެވެ. ޕޯޓުތަކާއި ހުރިހާ އެންޓްރީ ޕޮއިންޓުތަކުން ވެސް ސުކްރީން ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.