ރިޕޯޓް

ވޫހާންގައި ތާށިވެފައި ތިބި ދިވެހިން ނުގެނެވިގެން އުޅޭނީ ކީއްވެ؟

ޗައިނާގެ ހުބާއީ ޕްރޮވިންސްގެ ވެރިރަށް ވުހާން ސިޓީން މިދިޔަ މަހު ފެނުނު ކޮރޯނާ ވައިރަސްއަކީ މިއަދު މުޅި ދުނިޔެ އެކަމާ ކަންބޮޑުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަން މަޖުބޫރުކޮށްލި ބޮޑު ނުރައްކަލެކެވެ. "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ މި ވައިރަސް ހީވެސް ނުކުރާހާ ބާރު މިނުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ޗައިނާއަށް ކޮންޓްރޯލް ނުކުރެވޭނެކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފަ އެވެ. އެހެންވެ އެ ގައުމުން އެންމެ ފުރަތަމަ ވެސް އެޅި އެއް ފިޔަވަޅަކީ 11.4 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ ވޫހާން ސިޓީ ހުރިހާ ދިމާއަކުން ބަންދުކޮށް، ކަރަންޓީން ކުރުމެވެ.

ރާއްޖާއަށް ކޮރޯނާގެ އަސަރެއް އަދި ނުކުރި ކަމުގައިވީ ނަމަވެސް ވޫހާން ސިޓީ ބަންދުކޮށްލުން ބޮޑު ކަންބޮޑުވުމަކަށް ވަނީ އެ ސިޓީގައި ބައެއް ދިވެހިން ދިރިއުޅެމުންދާތީ އެވެ. މެޑިސިން މެނޭޖްމަންޓް ފަދަ ބައެއް ކޯސްތަކުން މަތީ ތައުލީމް ހާސިލް ކުރަން ގޮސް އުޅޭ ހަތް ދިވެހިން އެ ސިޓީގައި ތިބި މީހުން ތިބިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ވަނީ އެނގިފަ އެވެ.

އެ އަދަދަކީ ރެޖިސްޓާކޮށްފައިވާ މީހުންނާއި މި ވައިރަސް ފެތުރެން ފެށުމުން އެކި ދިމަދިމާލުން ލިބުނު ރިޕޯޓުތަކުން އެނގުނު މައުލޫމާތެވެ. ނަމަވެސް ފޮރިން މިނިސްޓްރީއަށް އަދި ނޭނގޭ އެއަށް ވުރެ ގިނަ ދިވެހިން ވެސް އެ ސިޓީގައި އުޅެދާނެ އެވެ.

ވޫހާން ސިޓީގައި މިހާތަނަށް 1500 އަށް ވުރެ ގިނަ މީހުންނަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު އެ ސިޓީއަށް ވަދެ ނިކުތުން ހުއްޓާލުމުގެ އިތުރުން ވައިގެ ބަނދަރުތަކާއި ރޭލާއި އަދި ބަސް ދަތުރުތައް ވަނީ މުއްދަތެއް ނެތް ގޮތަށް ހުއްޓާލައިފަ އެވެ. އެއާއެކު އެ ސިޓީގައި ތިބި ދިވެހިން ވެސް ނުރައްކާތެރި ވައިރަސްއާއެކު ބަންދުވީ އެވެ.

މިހާރު ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެންނަން ބަލައިއިރު، އެކަމަށް އެތައް ބައިވަރު ހުރަސްތަކާއި ދަތިތަކެއް ކުރިމަތިވުން އެކަށީގެންވެ އެވެ. ފުރަތަމަ ކަމަކީ ވޫހާންގައި މިވަގުތު ތާށިވެފައި ތިބޭނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ނުނެރެވިގެން އެހެން ގައުމުތަކުން ވެސް އުޅޭނެ އެވެ.

ނަމަވެސް މިވަގުތު އޮތް ހާލަތަށް ބަލާފައި ވަރުގަދަ ބޮޑު ކަރަންޓީންއަކަށް ޗައިނާ ސަރުކާރުން ގޮސްފައިވާއިރު ހާރިޖީ ގުޅުންތަކަށް ވުރެ މިވަގުތު އިސްކަމެއް ދޭނެ ކަމަށް ތަޖުރިބާކާރުން ލަފާކޮށްފައި ވަނީ އެ ވައިރަސް ކޮންޓެއިން ކުރުމެވެ. އޭގެ އިތުރުން ޗައިނާ ރައްޔިތުން އެތަނުގައި "ވައިރަސް ޖެހެން ދޫކޮށްލާފައި" އެހެން ގައުމުގެ ރައްޔިތުން ސަލާމަތް ކުރުމަކީ ވެސް އެ ސަރުކާރަށް ކުރަން ފަސޭހަ ވާނެ ކަމެއް ވެސް ނޫނެވެ.

އެހެންކަމުން ރާއްޖޭގެ ފޮރިން މިނިސްޓްރީން ފުރަތަމަ ކަމަކަށް ކުރި ކަމަކީ އެތަނުގައި ތިބި ދިވެހިން ހޯދައި އެ މީހުންނަށް މާލީ އެހީތެރިކަން ދޭން ނިންމީ އެވެ. ސަބަބަކީ އެ ސިޓީ މިހާރު އޮތް ހާލަތުން ބޭރަށް ނިކުމެ ނޫޅެވުމާއި ބާޒާރުތަކުގެ އަގު އިންތިހާއަށް މައްޗަށް ގޮސްފައިވުމުގެ ސަބަބުން މާލީ އެހީތެރިކަމާއެކު އެ ދިވެހިންނަށް ގޭގެ ތެރޭގައި ތިބެވޭނެ އެވެ.

އޭގެ އިތުރުން އެ ސިޓީގައި ތިބި އެހެން ދިވެހިން ހޯދުމަށް ރަޖިސްޓާވާން އިއުލާންކޮށް އެކަން ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުން އެބަދެ އެވެ. އަދި ޗައިނާ ސަރުކާރާ ގިނަ މަޝްވަރާތައް ކުރުމާއި ދިވެހިން ނެރެވޭނެ އިތުރު ގޮތްތައް ހޯދަން މަސައްކަތް އެބަ ކުރެ އެވެ.

"ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި އަދި ވޫހާންގައި ތިބި ހަތް ދިވެހިން އެ ސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެމްބަސަޑާ ޒަންގް އާއި މިއަދު މަޝްވަރާ ކުރެއްވި. އަދި ހަމަ މިކަމާއި ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް ދަނީ މަޝްވަރާކުރަމުން," ފޮރިން މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މިވަގުތައް އެ ނޫން ގޮތެއް ނެތް؟

ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ)ގެ ޑިރެކްޓާ، ލޮރެންސް ގޮސްޓިން ވިދާޅުވި ގޮތުގައި އެތައް މިލިއަން މީހުން އުޅޭ ބޮޑު ސިޓީއެއް އެއްކޮށް ކުއްލިއަކަށް ކަރަންޓީން ކުރުމަކީ މީގެ ކުރިން ފެނިފައި ނުވާ ވަރުގެ ބޮޑު ފިޔަވަޅެކެވެ. ސަބަބަކީ ތާރީހަށް ބަލާއިރު މިހާތަނަށް އެފަދަ ކަރަންޓީންތައް ސަރުކާރުތަކުން އެންމެ ބޭނުންވި ގޮތައް މަސައްކަތްކޮށްފައި ނުވާއިރު އިންސާނީ ހައްގުތަކުގެ ނަޒަރިއްޔާއަކުން ބަލާއިރު އެކަން އަތައް ގޮވާފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ މާހިރުން ގަބޫލުކުރާ ގޮތުގައި ކޮރޯނާ ވައިރަސް ޖެހިފައިވާ މީހެއްގެ ކިބައިން 1.4 އާއި 2.5 މީހުނަށް އެ ވައިރަސް އެރުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން، އެ ވައިރަސް ފެނިފައިވާ ސިޓީތައް ކަރަންޓީން ކޮށްގެން މެނުވީ އެ ބަލި ފެތުރުން ހުއްޓުވޭނެ މާބޮޑު ފިޔަވަޅެއް އެޅޭކަށްނެތެވެ.

ހަތް ދުވަހާއި 12 ދުވަހުގެ އިންކިއުބޭޝަން (އަލާމާތްތައް ފެންނަން ފަށާ މުއްދަތު) ޕީރިއަޑެއް ހުންނަ އެ ވައިރަސް ފެތުރުން ހުއްޓުވޭނެ މާ ގިނަ ގޮތްތަކެއް ވެސް ޗައިނާ ސަރުކާރަކަށް ނެތެވެ.

އޭގެ އިތުރުން މިފަދަ ބަލިމަޑުކަމުގައި ޑަބްލިއުއެޗްއޯ އިން ވެސް އަމަލުކުރަން ލަފާދީފައި ވަނީ އެފަދަ ގޮތަކަށެވެ. މި ވައިރަސް އާ ގުޅިގެން މިހާތަނަށް ބައިނަލްއަގުވާމީ ސިއްހީ އެމަޖަންސީއެއް އިއުލާން ކޮށްފައި ނުވަނީ ވެސް އެ ބަލި ޗައިނާ އިން ބޭރުވެފައިވާ މިންވަރު އަދި ކޮންޓްރޯލް ކުރެފައިވާތީ ކަމަށްވެސް ބެލެވެ އެވެ.

ފަސޭހައެއް ނޫން، އެކަމަކު މަސައްކަތް އެބަ ކުރޭ!

ވުހާންގެ އިތުރުން ޗައިނާގެ އެކި ސިޓީތަކުގައި ބޭރުގެ އެކި ގައުމުތަކުގެ ރައްޔިތުން ތާށިވެފައި ތިބި ނަމަވެސް މިފަދަ ކާރިސާތަކުގައި ވަކި ބަޔަކު އިސްތިސްނާ ކުރުމުގެ ފުރުސަތު ހަނިވެ އެވެ. ސަބަބަކީ ބޭރު ގައުމެއްގެ ރައްޔިތަކަށްވީތީ ވަކި ހާއްސަ ފިޔަވަޅެއް އެޅެން ނޯންނާނެތީ އެވެ.

އެ ވައިރަސް އާންމު ވީއްސުރެ، އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާ ސަރުކާރުން ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާއިރު ވުހާންގެ އިތުރުން އެކި މިންވަރަށް ކަރަންޓީނުކޮށްފައިވާ ސިޓީތަކުގެ އަދަދު މިހާތަނަށް ވަނީ 12 އަށް އިތުރުވެފަ އެވެ. އެ ސިޓީތަކުގައި 50 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.

އެހެން ނަމަވެސް ޗައިނާ ސަރުކާރުން މިހާރު އަންނަނީ ގައުމުތަކުގެ މީހުން ނެރުމަށް އިންތިޒާމްތައް ހަމަޖައްސަން މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ އާންމުވެގެންދިޔަ ރިޕޯޓުތަކަށްބަލާއިރު، ވޫހާންގައި ހުންނަ އެމެރިކާގެ ކޮންސިޔުލޭޓްގައި ތިބި މުވައްޒަފުން އެ ސިޓީން ނެރެ، އަނބުރާ އެމެރިކާއަށް ގެންދިޔުމުގެ ހާއްސަ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެގޮތުން، މިއަދުގެ ވަގުތެއްގައި ވޫހާނަށް ހާއްސަ ފްލައިޓެއް ބާއްވައިގެން ކޮންސިޔުލޭޓްގައި ތިބި މުވައްޒަފުންގެ އިތުރުން އެ ސިޓީގައި ތިބި ބައެއް އާންމު އެމެރިކާ ރައްޔިތުން ގެނައުމަށް މަސައްކަތްކުރަމުންދާ ކަމަށް އެމެރިކާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެ އެވެ.

އެމެރިކާގެ އިތުރުން، ދެކުނު ކޮރެއާއިން ވެސް ޗާޓަރު ފްލައިޓެއްގައި އެ ގައުމުގެ ރައްޔިތުން ވޫހާނުން ނެރުމަށް މަސައްކަތް ކުރަމުންދާކަމުގެ ރިޕޯޓުތައްވެސް ލިބިފައިވެ އެވެ. އަދި ފްރާންސް އިން ވެސް ހާއްސަ ބަހެއްގައި އެ ގައުމުގެ ރައްޔިތުން އެ ސިޓީން ނެރެވޭނެ އިންތިޒާމް ހަމަޖައްސަމުންދާކަމުގެ މައުލޫމާތު ލިބިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެހެން ގައުމުތަކުގެ މީހުން ފޮނުވާލުމަށް ޗައިނާ އިން މަސައްކަތް ކުރާއިރު އެ މީހުންނާއެކީ ދިވެހިން ވެސް ފޮނުވާލުމަށް ފޮރިން މިނިސްޓްރީން މަސައްކަތް އެބަކުރެ އެވެ.

މި ވަގުތު ޗައިނާއަށް ކުރިމަތިވެފައިވާ ބިރުވެރި ހާލަތާއި ވޫހާންގައި ތިބި ހަތް ދިވެހިންނަށް އެތަނުން ނެރުމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު މި ވަގުތަށް ނަމަވެސް، ރައްކާތެރިކަމުގެ އެންމެހާ ފިޔަވަޅުތައް އަޅައިގެން ތިބުން ނޫން ގޮތެއް އެ ހަތް ދިވެހީންނަކަށް ނެތެވެ. އަދި ވީއެންމެ އަވަހަކަށް ވައިރަސް ފެތުރުން ޗައިނާ ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށް ކުރެވޭ އިންތިޒާރު މާ ދިގު ނުވާނޭކަމުގެ އުއްމީދެވެ.