ދުނިޔެ

ކޮރޯނާ ވައިރަސް ފެތުރޭ ދުވެލި ބާރުވާ ކަމުގެ އިންޒާރު

Jan 26, 2020

ބެއިޖިންގް (ޖެނުއަރީ 26) - ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް ފެތުރެމެދުންދާ ދުވެލި އަވަސް ވަމުންދާ ކަމުގެ އިންޒާރު ޗައިނާގެ ރައީސް ޝީ ޖިންޕިން ދެއްވައިފި އެވެ.

ޗައިނާ ސަރުކާރުގެ އިސް އޮފިޝަލުންނާއެކު ބޭއްވި ކުއްލި ބައްދަލު ވުމެއްގައި ޝީ ވިދާޅުވީ ޗައިނާއަށް ކުރިމަތިވެފައި ވަނީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، ލުނާ ނިއު އިޔާގެ ބަންދާ ދިމާކޮށް ޗައިނާގެ ގިނަ ބަޔަކު ބޭރަށް ދަތުރު ކުރާއިރު، ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވައިރަސް ވަރަށް ބާރު މިނުގައި އެހެން ގައުމުތަކަށް ފެތުރިދާނެކަމުގެ ބިރު މިހާރު ބޮޑެވެ.

ޗައިނާގެ ވުހާން ސިޓީން އެންމެ ފުރަތަމަ ފެނުނު ވައިރަސް މިހާތަނަށް 1،400 އަށް ވުރެ ގިނަ މީހުނަށް ޖެހިފައިވާއިރު، އޭގެ ތެރެއިން 42 މީހުން މަރުވެފައިވާކަމަށް ވަނީ ބުނެފަ އެވެ.

އަދި އެ ވައިރަސް ފެތުރެމުންދާ މިންވަރު ޗައިނާއަށް ކޮންޓްރޯލްނުކުރެވޭނެކަމުގެ އިންޒާރު ސިއްހީ މާހިރުން ވަނީ ދީފަ އެވެ.

އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރު ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ދަނީ އެ ބައްޔަށް ފަރުވާދިނުމަށް ހާއްސަ ދެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް ގައުމުތަކުން ވަނީ ފެނިފައެވެ. އެ ގޮތުން، ތައިލަންޑް، ހޮންކޮން، މަކާއޯ، ސައުތުކޮރެއާ، ޓައިވާން، ޖަޕާން، ނޭޕާލް، ސިންގަޕޫރު އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސް ފެނިފަ އެވެ.

އަދި އޮސްޓްރޭލިއާގެ އިތުރުން ފްރާންސް އިން ވެސް އެ ވައިރަސް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.

ކޮރޯނާވައިރަސް އަކީ ކޮބާ؟

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުންނަމަ، ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

އެ ވައިރަސް އިންސާނުންނަށް ޖެހޭނީ ޖަނަވާރުންގެ ފަރާތުންނެވެ. ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ސާސް ވައިރަސް އިންސާނުން ޖެހުނީ ބުޅަލުންކަމަށްވާއިރު، މާސް ވައިރަސް ފެތުރުނީ ޖަމަލުންނެވެ. އަދި އިންސާނުންގެ ހަށިގަނޑުން ނުފެންނަ އެ ޒާތުގެ ކިތަންމެ ވައިރަސްތަކެއް ޖަނަވާރުންގެ ހަށިގަނޑުގައި އުޅޭކަމަށް ވަނީ ހޯދިފަ އެވެ.

އަދި މިފަހަރު ޗައިނާއިން ފެނުނު 2019-އެންސީއޯވީގެ ނަމުން ނަންދީފައިވާ ވައިރަސްއަކީ މީގެ ކުރިން އިންސާނެއްގެ ހަށިގަނޑުން ފެނިފައިވާ ނުވާ ވައިރަސްއެއްކަމަށްވެސް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. އަދި މި ވައިރަސްއާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހޯދިފައިނުވި ނަމަވެސް، އެ ވައިރަސްއަކީ ގައިން ގަޔަށް އަރާ ވައިރަސްއެއްކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ވައިރަސް ޖެހުމުގެ އަލާމާތްތަކަކީ ކޮބާ؟

ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މި ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ނޭވާލާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، ކެއްސުމާއި، ހުން އައުމުގެ އިތުރުން ނެވާ ކުރުވެ، ނޭވާލާން އުނދަގޫވުން ހިމެނެ އެވެ.

އޭގެ އިތުރުން، ސީރިއަސް ކޭސްތަކުގައި ވައިރަސްޖެހޭ މީހުން ނިއުމޯނިއާ ޖެހުމާއި، ނޭވާލާ ނިޒާމަށް ބޮޑެތި މައްސަލަތައް ޖެހުމުގެ އިތުރުން، ކިޑްނީ ފެއިލްވުމާއި މަރުވުންވެސް އެކަށީގެންވާކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުންޏެވެ.