ދުނިޔެ

ޓްރަމްޕް އިމްޕީޗްމަންޓް: އިންތިހާބުގެ ނަތީޖާ ބަދަލު ކުރަންއުޅޭކަމުގެ ތުހުމަތު

Jan 26, 2020

ވޮޝިންގްޓަން (ޖެނުއަރީ 26) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗް ކުރަން އިދިކޮޅު ޑިމޮކްރެޓުން މަސައްކަތް ކުރަނީ 2016 ވަނަ އަހަރު ބޭއްވި އިންތިހާބުގެ ނަތީޖާ ބަދަލުކުރަންކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ސެނެޓުގައި ތުހުމަތުކޮށްފި އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމަށް ސެނެޓުގެ ޝަރީއަތް ފެށިފައިވާއިރު، އެމަނިކުފާނުގެ ދިފާއުގައި ވަކީލުންގެ ޓީމުން އިއްޔެ ސެނެޓުގައި ބުނަމުންދިޔައީ ރައީސްގެ ހައިސިއްޔަތުން ޓްރަމްޕް ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުކުރައްވާ ކަމަށެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރުކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ޓްރަމްޕް އާ ދެކޮޅަށް އުފުލާފައިވާ ދައުވާތަކާގުޅޭ ގޮތުން އިދިކޮޅު ޑިމޮކްރެޓުންނަށް ދެވުނު ތިން ދުވަހުގެ މުއްދަތު ހުކުރު ދުވަހަށް ވަނީ ހަމަވެފަ އެވެ. އަދި ދިފާއުގައި ވާހަކަ ދެއްކުމަށް ޓްރަމްޕްގެ ވަކީލުންގެ ޓީމަށްވެސް ތިން ދުވަހުގެ މުއްދަތު ލިބޭނެ އެވެ. ނަމަވެސް، އެ މުއްދަތު އެކީގައި ބޭނުންނުވާނެކަމަށް ޓްރަމްޕްގެ ވަކީލުން ވަނީ ބުނެފަ އެވެ.

ޓްރަމްޕްގެ ދިފާއުގައި އިތުރަށް ވާހަކަ ދައްކަމުން ވަކީލުން ފާހަގަކުރި ގޮތުގައި، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ޓްރަމްޕް މަސައްކަތް ކުރެއްވިކަމަށް އިދިކޮޅުން ތުހުމަތުކުރާއިރު، އިދިކޮޅުންވެސް މަސައްކަތް ކުރަނީ ޓްރަމްޕްގެ ނަން ވޯޓު ކަރުދާހުން އުނިކޮށް، ރައްޔިތުންގެ ހައްގެއް ނިގުޅައިގަންނަންކަމަށެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

ހައުސްގައި ރައީސަކު އިމްޕީޗު ކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރު ކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

އެހެންކަމުން، ރައީސްގެ މަގާމުން ޓްރަމްޕް ދުރު ކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓުގެ ތެރެއިން ވުން ދުރު ކަމެއްކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.