ހަބަރު

ދަރިއަށް ޖިންސީ ގޯނާ ކުރި ބައްޕައެއްގެ މައްސަލަ ބަލަނީ

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް އޭނާގެ ބައްޕަގެ ފަރާތުން ޖިންސީ އަނިޔާ ލިބޭ ކަން އެ ކުއްޖާ ކިޔައިދޭ އޯޑިއޯ އެއް މިދޭތެރޭން ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފަ އެވެ. ފުލުހުންގެ ތަރުޖަމާނު އިޒްމިއާ ޒާހިރު ވިދާޅުވީ، މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން ކަމަށާއި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މިދިޔަ ހަފްތާގައި ލީކުވި މި އޯޑިއޯގައި، އެ މައްސަލައިގައި ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ އެ ކުއްޖާއަށް ޖިންސީ ގޯނާ އެކި ދުވަސް މަތިން ކުރަމުން އަންނަ ކަމަށް ކުއްޖާ ވަނީ ބުނެފަ އެވެ. އަދި، ގޯނާގެ އަމަލުތައް ސިއްރުކޮށް އިންޒާރު ދިން ކަމަށްވެސް އެ ކުއްޖާ ކައިރީ ބުނެފައިވާ ކަމަށް އޯޑިއޯގައި ކިޔައިދެ އެވެ. މި އަމަލުތައް ހިންގާ އިރު ކުޑަ ކުއްޖާގެ ބައްޕަ ހުރީ މަސްތުގެ ހާލުގައި ކަމަށް ތަކުރާރުކޮށް އޯޑިއޯގައި ކުއްޖާ ބުނެ އެވެ.

ކުދިންނާ ބެހޭ ޖިންސީ ގޯނާގެ މައްސަލަތައް މިހާރު ވަނީ ގިނަ ވެފަ އެވެ. އަދި މި މައްސަލަތައް ރިޕޯޓު ކުރުންވެސް މި ދުވަސްކޮޅު ވަނީ ގިނަވެފަ އެވެ.