ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީނާ ގުޅޭގޮތުން އަދުރޭ ދެއްކި ވާހަކަތައް ދޮގުކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުންދަނީ އަނިޔާވެރިކޮށް ކަމަށާ އެމަނިކުފާނު މިހާރު ހުންނެވީ މުޅިން ހިކި އަނަރޫފަވެފައި ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ދެއްކެވި ވާހަކަތައް ހޯމް މިނިސްޓްރީން ދޮގުކޮށްފި އެވެ.

އިދިކޮޅުން ތިލަދުންމައްޗަށް ކުރަމުންދާ ދަތުރުގައި ހއ. ބާރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޖަލުގައި ރައީސް ޔާމީނަށް އަނިޔާ ލިބެމުންދާ ކަމަށާ އެއީ ސަރުކާރު ހިންގާ ކޯލިޝަންގެ ބައިވެރިން ބޭނުން ވެގެން ގަސްތުގައި ދެމުންދާ އަނިޔާތަކެއް ކަމަށެވެ.

އެ ވާހަކަތައް ދޮގުކޮށް ހޯމް މިނިސްޓްރީން މިއަދު ބުނީ ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ދިވެހިރާއްޖެ ބައިވެރިވާ ބައިނަލްއަގުވާމީ މުއާހަދާތަކުގެ ދަށުން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ ގައިދީންނަށް ކަށަވަރުކޮށްދޭންޖެހޭ އަސާސީ އިންސާނީ ހައްގުތަކާއި ފޯރުކޮށްދޭންޖެހޭ އިނާޔަތްތައް ރައީސް ޔާމީނަށް އެއްވެސް ތަފާތުކުރުމެއްނެތި ފުރިހަމަޔަށް ފޯރުކޮށްދެމުން ދާކަމަށެވެ.

މީޑިއާގައި ފެތުރެމުންދާ ފަދައެއްވެސް ކަމަކާ ގުޅޭ ޝަކުވާއެއް މިހާތަނަށް، ރައީސް ޔާމީނާއި، އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން ވިޔަސް އަދި އާއިލާގެ ފަރާތުންވެސް ލިބިފައިނުވާ ކަމަށް ވަނީ ބުނެފައެވެ.

"އަދި 30 ޑިސެމްބަރ 2019 ވަނަ ދުވަހު މިނިސްޓަރު އޮފް ހޯމްއެފެއާޒްގެ އިރުޝާދުގެ ދަށުން އިނިސްޕެކްޓަރު އޮފް ކަރެކްޝަން ސާވިސް މާފުށީ ޖަލަށް ޒިޔާރަތްކުރައްވާ ކުރިޔަށްގެންދެވި އިނިސްޕެކްޝަންގެ ހަވާސާގައި ދެންނެވިފައިވާ ގައިދީ [ރައީސް ޔާމީން] އާ ބައްދަލުކުރައްވާ އޭނާގެ ހާލުބައްލަވާ އޭނާގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އޮޅުންފިލުއްވާފައިވޭ. މި ބައްދަލުވުމުގައިވެސް މީޑިޔާގައި ދައުރުވަމުންދާފަދަ އެއްވެސް ކަމެެއްގެ ފާހަގަކޮށްފައި ނުވާކަންވެސް ފާހަގަކުރަން." ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުގެ ސިޔާސަތަކީ ޖަލުގެ ހާލަތު ރަގަޅުކޮށް ގައިދީންނާއި ބަންދުމީހުންގެ ހައްގުތައް ކަށަވަރުކޮށްދީ، އެކިއެކި ކުށްކުށުގައި ޖަލުގައި ބަންދުކުރެވޭ މީހުން އިސްލާހުކޮށް މުޖުތަމައަށް ބޭނުންތެރި ބައެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ނެރުން ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ހަމައާއި އިންސާފުން ކަންކަން ކުރެއްވި ނަމަވެސް މިއަދު ރައީސް ޔާމީންގެ އަނބިިކަނބަލުންނަށް ޖަލަށް ވަޑައިގެންނެވެނީވެސް ކައިވެނީގެ ސެޓިފިކެޓްގެ އަސްލު ހުށައެޅުމުން ކަމަށެވެ.

"ރައީސް ޔާމީނާ ދޭތެރޭ ވަރަށް އަނިޔާވެރިކޮށް އަމަލުކުރެވެނީ، މީހާ ހުރީ މުޅިން ހިކި އަނަރޫފަވެފައި. މިއީ އަސްލު ވަރަށް އަސަރުހުރި ވާހަކައެއް." ވަރަށް އަސަރާއެކު ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވިއެވެ. "އެމަނިކުފާނު ވިދާޅުވި ފެންވަރުގެ ކަންތައްތައް ވަރަށް ދައްޗޭ، ވަރަށް ދަތި ގޮތަކަށް، ތުބުޅި ބޭލޭނެ ގޮތެއް ނެތޭ، ކާން ގެންނަން އެއްޗެހީގެ ރޮލެއް ނުފިލުވައޭ، 45 ދުވަސްވެގެން ދިޔައިރު ކާން ދެނީ އެކަށްޗެކޭ، ނިދާކަށް ފަސޭހައެއް ނޫނޭ، ގަސްތުގައި އަޑުގަދަ ކުރަނީއޭ، އެހާހިސާބަށް ވާހަކަ ދިޔައީމަ އަޅުގަނޑަށް ދެން އިތުރަކަށް އެ ވާހަކަ އަޑުއަހާކަށް ކެތެއް ނުވި، ހަމަ ހަގީގަތަށް މި ދަންނަވަނީ އަަޅުގަނޑަށް ރޮވުނު."

އަބްދުއްރަހީމް ވިދާޅުވީ އިރުއަރާ އޮއްސޭ ކޮންމެ ދުވަހަކީ ރައީސް ޔާމީނަށް ނުހައްގުން އަނިޔާ ލިބެމުންދާ ދުވަހެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް ސަރުކާރު ހިިންގާ ކޯލިޝަނުން ގަސްތުގައި އަނިޔާ ކުރަމުންދާކަން މިފަހުން އިސްތިއުފާ ދެއްވި ކޮމިޝަނަރު އޮފް ޕްރިޒަންސްގެ ވާހަކަތަކުން އެނގޭ ކަމަށެވެ.

"މޫނު މައްޗަށް ބަލާލީމަ މުޅި މޫނުމަތީ އޮތީ ބިސް [ބިހި] ނަގާފައި، ކީއްވެގެންތޯ އޮޅުންފިލުވާލިއިރު، ތުނބުޅި ބާލަން ޖެހެނީ ޖަލު މީހުން ތުނބުޅި ބާލާ ރޭޒަރުން. ތުނބުޅި ބާލާފައި އުނގުޅާލާނެ އާފްޓާޝޭވް ކޮޅެއް ނުލިބޭ، ޖަލަށް ވެއްދުން އޮތީ މަނާކޮށްފައި. ފެންވަރާ ލައިގެން ނިިކުމެ ގައިގައި އުނގުޅާލާނެ ލޯޝަން ކޮޅެއް ނުލިބޭ، ނަމާދަށް ނުވަތަ ހުކުރަށް ވަޑައިގަންނަވަން ބޭނުން ކުރާނެ އަތަރުކޮޅެއް ނޫނީ ސެންޓް ކޮޅެއް ނުލިބޭ، މިހާ ހިތްދަތި ހާލުގައި ރައީސް ޔާމީން ޖަލުގައި އެ ހުންނެވީ." އަބްދުއްރަހީމް ވިދާޅުވިއެވެ.