ހަބަރު

ކަސްޓަމް މުވައްޒަފުންނަށް ކޮރަޕްޝަންގެ ތުހުތަމެއް ނުކުރެވޭ: މާރިޔާ

Jan 26, 2020
3

ކަސްޓަމްސްގެ މުވައްޒަފުންނަށް ހިޔާނާތުގެ ތުހުމަތުތައް ނުކުރެވޭ ކަމަށާ، އެފަދަ ޝަކުވާއެއް ވެސް ލިބެމުން ނުދާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ކަސްޓަމްސް ދުވަސް ފާހަގަ ކުރަން ކަސްޓަމްސް ބިލްޑިންގުގައި މިއަދު ބޭއްވި ހަފުލާއެއްގައި މާރިޔާ ވިދާޅުވީ މި ސަރުކާރުގެ ޕޮލިސީއަކީ ކޮރަޕްޝަނަށް "ޒީރޯ ޑޮލަރެންސް" ދިނުން ކަމަށާއި ކަސްޓަމްސްގެ އެއްވެސް މުވައްޒަފަކު ހިޔާނާތް ވެފައިވާ ކަމަށް ދެކޭނަމަ އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑު އުފާ ކުރަން، ހަމަ ގައިމު ވެސް އަޅުގަނޑާ ހިސާބަށް މި ފަދަ [ކޮރަޕްޝަން] ޝަކުވާ ތަކެއް ލިބެމުންނެއް ނުދޭ. އަޅުގަނޑަކީ ރައްޔިތުންނާއެކީ ގިނަ ވަގުތު ހޭދަ ކުރާ މީހެއް. އަޅުގަނޑުގެ އަތުގައި ކުރިން ވެސް އޮންނަ ނަމްބަރު މި އޮންނަނީ. އެހެން ނަމަވެސް ކަސްޓަމްސް އާ ބެހޭ ގޮތުން އަންނަ ޝަކުވާތައް މަދު. އެހެންކަމުން ތިޔަ ހުރިހާ ބޭފުޅުން ތެދުވެރިކަމާއި އަމާނާތްތެރި ކަމާއެކު ތިޔަދޭ ގައުމީ ހިދުމަތަށް ޝުކުރު ދަންނަވަން،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ އިތުރަށް ވިދާޅުވީ ކަސްޓަމުން ހިދުމަތް ދޭއިރު، ކަނޑައެޅިފައިވާ އުސޫލުގެ މަތިން ހިދުމަތް ދިނުން ވެސް މުހިންމު ކަމަށެވެ.

"ކަންކުރަން އަމަލު ކުރަން އޮންނަ ގޮތާ ހިލާފަށް އަމަލު ކުރުމުން ނުކުންނަ ނަތީޖާ އަޅުގަނޑުމެންގެ ގައުމީ ހަޔާތުގައި ވަނީ ތަޖުރިބާ ކުރެވިފައި. ދައުލަތުގެ ވުޒާރާ ތަކަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިންގަން ޖެހޭ ތަންތަނަށް ވާއިރު، ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ތަން ތަނަށް ވާން ޖެހޭ،" މާރިޔާ ވިދާޅުވި އެވެ.