ޔުވެންޓަސްގެ އެއްބަސްވުން ހަމަވުމުން ކޯޗު ކަމުން ރިޓަޔާ ކުރުން ކައިރި ކަމަށް އެ ޓީމުގެ ކޯޗް މައުރީޒިއޯ ސާރީ ބުނެފި އެވެ.
އިޓާލިއަން ލީގްގައި، މިރޭ ސާރީ ނުކުންނާނީ އޭނާގެ ކުރީގެ ކުލަބު ނަޕޯލީ އާ ދެކޮޅަށެވެ. މި މެޗު ވެގެންދާނީ ނަޕޯލީ ދޫކޮށްލި ފަހުން އިދިކޮޅު ޓީމު ކޯޗެއްގެ ގޮތުގައި އެ ޓީމުގެ ދަނޑަށް ސާރީ ނުކުންނާނެ ފުރަތަމަ މެޗެވެ. ސީޒަންގެ ކުރީ ކޮޅު ޔުވެންޓަސްގެ ސްޓޭޑިއަމްގައި ނަޕޯލީއާ ދެކޮޅަށް ނުކުތް އިރު ނިއުމޯނިއާ ޖެހިގެން ސާރީ އޮތީ ބެޑް ރެސްޓްގަ އެވެ.
ޔުވެންޓަސްގެ ކޯޗް ކަމާ ހަވާލުވުމަކީ ކުރިއަށް އޮތް ތަނުގައި ނަޕޯލީއިން ނުފެނުންތޯ ސުވާލު ކުރުމުން ސާރީ ބުނީ ޔުވެންޓަސްގެ ކޮންޓްރެކްޓް ނިމުމަށް ފަހު ހަދާނެ ގޮތެއް ނުވިސްނާ ކަމަށާއި ރިޓަޔާ ކުރުންވެސް އެކަށީގެންވާ ކަމަށެވެ.
"އަހަރެން ނުވިސަނަން އެކަމަކާ،" ސާރީ ބުންޏެވެ. "މި މަސައްކަތް ނިމުނީމަ އަހަރެން ރިޓަޔާވެސް ކޮށްފާނަން، އަހަރެމެން ބަލާނަން ޔުވެންޓަސްގެ އެއްބަސްވުން ނިމުމަށް ފަހު އަހަރެންގެ ހުރީ ކިހާ ހަކަތައެއްތޯވެސް."
އޭނާ ބުނީ ރިޓަޔާ ކުރިޔަސް ކުރާނީކީ ކޮންމެހެން ޕްރެޝަރު ބޮޑުވެގެން ނޫން ކަމަށާއި ހަށިގަނޑުގައި އެވަރުގެ ހަކަތަ ނެތްނަމަ ކޯޗުކަން ނުކުރެވޭނެ ކަމަށެވެ.
"ދެ އަހަރު ފަހުން އަހަރެންގެ ކޮންޓްރެކްޓް ނިމޭއިރު ވާނެ ގޮތެއް އަހަންނަކަށް ނޭންގޭނެ، ފަހަރެއްގައި ކުރިއަށްގެންގޮސްވެސް ފާނަން."
ސާރީ ބުނީ، މިރޭގެ މެޗަކީ އޭނާއަށް ވަރަށް ހާއްސަ މެޗެއް ކަމަށެވެ. ނަމަވެސް ޕާސަނަލް ކަންކަމަށްވުރެ އޭނާއަށް ޓީމު މުހިންމުވާ ކަމަށެވެ. ސާރީ ނަޕޯލީ ދޫކޮށްލި ފަހުން އޭނާގެ ރިޕްލޭސްމެންޓެއް ހޯދުމުގައި ނަޕޯލީއަށް އެކިއުރޭޓް ހައްލެއް ހޯދިފައެއް ނުވެ އެވެ. ޑިސެމްބަރު މަހު ކާލޯ އަންޗެލޯޓީ މަގާމުން ވަކި ކުރުމަށްފަހު މިހާރު އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައި ވަނީ އޭސީ މިލާންގެ ކުރީގެ ކޯޗް ޖެނާރޯ ގަޓޫސޯ އެވެ.