ޑރ. މުހައްމަދު ޖަމީލް އަހުމަދު

"މިއީ ބާރު ލިބުނަސް 'ނުކުޅެދޭ' ބައެއް"

އެމްޑީޕީއަށް ބާރުތަކެއް ލިބުުނު ނަމަވެސް ކަންކަން ހައްލު ކުރުމުގައި އެޕާޓީ ނުކުޅެދިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު، އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލްގެ ފާޑުކިޔުން އެމްޑީޕީއަށް އަމާޒު ކުރެއްވީ ލޯކަލް ކައުންސިލް އިންތިހާބަކީ ޕީޕީއެމުން ދަންނަ އެއްޗެއް ނޫން ކަމަށާއި އެއީ ޕީޕީއެމް އާއި ބެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

ރައީސް ނަޝީދު ވަނީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް ކައުންސިލް އިންތިހާބުގައި މެޖޯރިޓީ ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ޕީޕީއެމްއަކީ ބާރު ލިބުނު ދުވަހު ލާމަރުކަޒީ ނިޒާމް ފުނޑާލުމަށް މަސައްކަތް ކުރި ބައެއް ކަމަށާ އެފަދަ ބަޔަކަށް ކައުންސިލްތައް ނުދިނުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވީ ވެެރިކަމުގެ ބާރާއި، މަޖިލީހުގެ މެޖޯރިޓީ ލިބުމުންވެސް އެމްޑީޕީއަށް ހާސިލްވީ ދެ ކަމެއް ކަމަށެވެ.

އެއީ އިސްލާމްދީނަށް ފުރައްސާރަ ކުރާ މީހުންނާމެދު ފިޔަވަޅު ނާޅާ ދޫކޮށްލުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް މައާފުކުރުމާއި، އެ ފަދަ މީހުންނަށް ފިޔަވަޅު އަޅަން ނޭންގުން ކަމަށެވެ.

"މިއީ ބާރު ލިބުނަސް 'ނުކުޅެދޭ' ބައެއް." އެމްޑީޕީއަށް ލިބިފައިވާ ބާރުތައް ބޭނުންކުރާ ގޮތަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވިއެވެ.