ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ މެދު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މުހާތަބު ކުރެއްވި ގޮތުން ވެސް ޖަލުގައި ތަފާތު ކުރުން އޮންނަ ކަން ހާމަވާ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާމެދު ޖަލުގައި އަމަލު ކުރެވެމުން ދަނީ އަނިޔާވެރިކޮށް ކަމަށް އިދިކޮޅު ޕީއެންސީގެ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ރައީސް ޔާމީން ޖަލުގައި ހުންނެވި ހާލަތު ބަޔާން ކޮށްދިނުމަށް މިނިސްޓަރު އިމްރާން ވަނީ ޓްވީޓެއް ކުރައްވާފަ އެވެ.
އެ ޓްވީޓްގައި އިމްރާން ވިދާޅުވީ މަނީ ލޯންޑަރިންގެ ކުށުގައި ފަސް އަަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ މއ، ކާމިނީހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމް، ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރުގައި ރައީސް ނަޝީދާއި، ރައީސް މައުމޫން "ނުހައްގު" ން ބަންދު ކޮށްފައިވާ ބެހެއްޓި ތަން އިތުރަށް ފެންވަރު ރަނގަޅު ކުރުމަށްފަހު އެ ތަނުގައި ކަމަށެވެ.
އިމްރާންގެ ޓްވީޓްގައި މައުމޫނާއި، ނަޝީދަށް މުހާތަބު ކުރެއްވީ ރައީސްގެ ނަންފުޅު ކުރިއަށް ލައްވައިގެނެވެ. ނަމަވެސް ރައީސް ޔާމީނަށް މުހާތަބު ކުރެއްވުމުގައި ރައީސް މި ލަފުޒު ބޭނުން ކުރައްވާފައެއް ނުވެއެވެ.
އެކަމާއި ގުޅިގެން ޝަހީމް ވަނީ އަބްދުﷲ ޔާމީނަކީ ވެސް ރާއްޖޭގެ ކުރީގެ ރައީސެއްކަން ފާހަގަ ކުރައްވާ އިމްރާނަށް ރައްދު ދެއްވާފަ އެވެ.
"ދެ ރައީސުންނަށް 'ރައީސް' ލާފަ، ނަމަވެސް ޔާމީންގެ ނަންފުޅުން ރައީސް ކަނޑާލީ ކީއްވެ؟ ރައީސް ޔާމީނަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން، މިނިވަން ކުރަންޖެހޭ." ޝަހީމްގެ ޓްވީޓްގައި ވިދާޅުވި އެވެ.
ޝަހީމްގެ އެ ޓްވީޓަށް އަދާލަތު ޕާޓީގެ އަދި އިމްރާނަށް ވަފާތެރި ބައެއް ސަޕޯޓަރުން ވަނީ ރައްދު ދީފައެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ އިމްރާންގެ ޓްވީޓްގައި ތިން ރައީސުންނާއި މުހާތަބު ކުރިގޮތު ންވެސް ޖަލުގައި ތަފާތު ކުރުން އޮތް މިންވަރު ހާމަވާ ކަމަށެވެ.