ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އަމަލީގޮތުން އެއްވެސް ކަމެއް ހަމަޖައްސައި ނުދެވުނު ކަމަށް މިދިޔަ ހަފްތާގައި މަގާމުން ވަކިކުރެއްވި ކުރީގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ވިދާޅުވެއްޖެ އެވެ.
ޖަލުތަކުގެ ކުރީގެ ވެރިޔާ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ގައިދީންގެ ބޭސްފަރުވާގެ ކަންކަން އަވަސް ކުރުމަށް ކުރެވުނު މަސައްކަތާއި، އެކަމުގައި ހޯމް މިނިސްޓަރުގެ އެއްބާރުލުން ލިބިވަޑައިގެންފައިނުވާ ކަމަށް ވަނީ ތުުހުމަތު ކުރައްވާފައެވެ. މުނާޒް މަގާމުން ވަކިކުރެއްވިއިރު ޖަލުގައި ގައިދީންނަށް އެކަށީގެންވާ ގޮތުގައި ބޭސްފަރުވާގެ ފުރުސަތު ނުލިބޭ ކަމުގެ ޝަކުވާ އޮތީ ވަރަށް ބޮޑުވެފައެވެ.
މުނާޒް ވިދާޅުވީ ކަރެކްޝަނަލް ސާވިސްއަށް ސްޕެޝަލިސްޓުން ހޯދުމަށް އެދުމުން އެކަންވެސް ނުކޮށް ދެވުނު ކަމަށެވެ. އަދި އައިޖީއެމް ހޮސްޕިޓަލްގެ ޑޮކްޓަރުން ޖަލަށް ދާގޮތަށް ހަމަޖައްސައިދޭން އެދުމުން އެކަންވެސް ކުރެވިފައިނުވާ ކަމަށެވެ.
"ގައިދީންގެ ބޭސްފަރުވާ އަވަސް ކުރުމަށް އަމަލީ ގޮތުން އިމްރާން އަބްދުﷲ އަށް އެއްވެސް ކަމެއް ނުކޮށްދެވުނު. އެމްސީއެސްއަށް ސްޕެޝަލިސްޓުން ހޯދައި ނުދެވުނު. އައިޖީއެމްޗުން ޑޮކްޓަރުން ޖަލަށްދާ ގޮތަށްވެސް ހަމަޖައްސާ ނުދެވުނު. އަހަރެއް ފާއިތުވެގެން ދިޔައީ." މަޖިލީހުގެ ރައީސް ނަޝީދާއި، އެޗްއާރްސީއެމަށް ޓެގް ކުރައްވާ މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ބެލުމަށްފަހު އެކުލަވާލާފައިވާ "ޖަލު އޮޑިޓް ރިޕޯޓް" ގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާ ކަމަށް މުނާޒް އިއްޔެ ވަނީ ވިދާޅުވެފައެވެ.
މުނާޒް ވިދާޅުވީ "ޖަލު އޮޑިޓް ރިޕޯޓް" ގައިވާ ހުރިހާ ކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެ އެކަންކަން ބެލުމަށް ކޮމެޓީއެއް އެކުލަވާލި ނަމަވެސް އެ ކޮމެޓީން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. މުނާޒް ވިދާޅުވީ އެ ކޮމެޓީން 2019 ވަނަ އަހަރު ބޭއްވީ ގިނަ ވެގެން ދެ ބައްދަލްވުން ކަމަށެވެ.
މީގެ އިތުރުން "ޖަލު އޮޑިޓް ރިޕޯޓް" ގައިވާ ކަންކަން ހާސިލްކުރުމަށް ބަޖެޓްވެސް ނުދޭ ކަމަށް މުނާޒް ވަނީ ވިދާޅުވެފައެވެ.
"ޖަލު އޮޑިޓް ރިޕޯޓްގައިވާ ކަންކަން ހާސިލް ކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް ބަޖެޓް ދެއްވިންތޯ."
މުނާޒް، ސީޕީގެ މަގާމުން ވަކިކުރެއްވީ މިމަހުގެ 21 ވަަނަ ދުވަހުއެވެ. އެދުވަހު އޭނާ ވަނީ މަގާމުން ވަކިކުރެއްވި ސަަބަބު ވިދާޅުވެފައެވެ.
މުނާޒް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން އަދި ބޭރުން ގުޅިގެން ޖަލުތެރެ ހިލުވާލަން މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި މަގާމުން ވަކިކުރީ އެކަން ކާމިޔާބު ނުވުމުން ކަމަށް ވިދާޅުވި އެވެ.
އެގޮތަށް ވަޒީފާއިން ވަކިކުރުމަކީ ލިބުނު ކާމިޔާބީއެއް ކަމަށްވެސް މުނާޒް ވިދާޅުވި އެވެ.
"އަޅުގަނޑު ކަރެކްޝަންގައި ހުއްޓާ ޖަލު ހިލުވާލަން ކޯލިޝަންގެ ތެރެއިން އަދި ބޭރުން ގުޅިގެން ކުޅުނު ކުޅިގަނޑު ކާމިޔާބު ނުވުމުން މިއަދު އަޅުގަނޑު ވަޒީފާއިން ވަކި ކުރުމަކީ އަޅުގަނޑަށް ލިބުނު ކާމިޔާބެއް. އަލްހަމްދުލިﷲ." މަގާމުން ވަކިކުރުމުން މުނާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.