ހަބަރު

މާލޭ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއުއެއް އާރްޑީސީއާ ހަވާލުކޮށްފި

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް ހިންގުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަދު މާލޭ ސިޓީ ކައުންސިލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މަޖިލީހުގެ ބައެއް މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލްގެ ބޭފުޅުންނާއި އާރްޑީސީގެ މުވައްޒަފުން ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މިއެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މާލެ ސިތީ މޭޔަރު ޝިފާ މުހައްމަދު އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު އެވެ.

މި އެއްބަސްވުމުގައި ސޮއި ކުރައްވާ ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ މި ޕްރޮޖެކްޓްގެ މައިގަނޑު މަގުސަދަކީ މާލޭގެ މަގުތަކަކީ ހުރިހާ އުމުރުފުރައެއްގެ މީހުން ބޭނުން ކުރުމަށް ފަސޭހަ އަދި ރައްކާތެރި މަގުތަކަކަށް ހެދުން ކަމަށެވެ. އަދި ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުކުރެވޭނެ ފަދަ މަގުތަކެއް ހޯދައިދިނުމަށާއި މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ހައްލެއް ހޯދައިދީ އަބަދު ކޮނެފަ އޮންނަ އޮތުން ނިމުމަކަށް ގެނައުމަށް ކަމަށެވެ.

ޝިފާ ވިދާޅުވީ މި ޕްރޮޖެކްޓްގެ މަސައްކަތް ނިމުން ހުރިހާ މަގުތަކެއްގެ ދެ ފަރާތުގައިވެސް ގެގެއިން ވަދެ ނިކުމެ އުޅެވޭ ގފަދަ ޕޭވްމެންޓެއް ގާޢިމްކުރެވޭނެ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓެއް ގާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮށް މަގުތަކުގެ ތޮއްޖެހުން ހުއްޓުވޭނެ ކަމަށެވެ.

މީގެ އިތުރުންވެސް މަގުތަކުގެ ޕާކިންގެ ފުރިހަމަ ނިޒާމެއް ގާއިމްކޯށް ޕާކިން ބިލްޑިންތައް މި ޕްރޮޖެކްޓުގެ ދަށުން ގާއިމްކުރެވޭނެ ކަމަށާއި މުދާ އެރުވުމާއި ބޭލުމުގައި މަގުތައް ބޭނުންކުރުމުގެ އުސޫލެއް އެކަށަ އަޅައި ތަންފީޒު ކުރެވޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝިފާ ވިދާޅުވީ މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓް ޑިޒައިން ކުރެވުނީ މާލޭގެ ހުރިހާ މަޖިލީސް މެމްބަރުންނާއި ، ކައުންސިލަރުންނާއި ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކަމަށެވެ. އަދި ސިޓީ ކައުންސިލް އިން މި ޕްރޮޖެކްޓް ޑިޒައިން ކުރީ ޕްލޭނިން މިނިސްޓްރީ އާއި ގުޅިގެން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާރްޑީސީގެ މެނޭޖިންޑިުރެކްޓަރު މޫސާ އަލީ މަނިކު ވިދާޅުވީ މި ޕްރޮޖެކްޓްގެ ދަށުން މާލޭގެ 18.08 ކިލޯ މީޓަރުގެ މަގު ހެދޭނެ ކަމަށާއި އަދި ހަތަރު ވަެއްތަރެއްގެ މަގު މި މަޝްރޫއުގެ ދަށުން ހެދޭނެ ކަމަށެވެ.

މާލޭ ސިޓީ ސްޓްރީޓްސްކޭޕިން ޕްރޮޖެކްޓްގެ ދަށުން ހަދާ 4 ވައްތަރުގެ މަގުތައް:

  • އާޓީރިއަލް ރޯޑްސް
  • ސިޓީ ރޯޑްސް
  • ސެކަންޑްރީ ރޯޑްސް
  • ނެއިބާހުޑް ޕެޑެސްޓްރިއަން ރޯޑް

މޫސާ ވިދާޅުވީ މި ޕްރޮޖެކްޓްގެ މަސައްކަތް ނިމޭއިރު ކަރަންޓާއި ފެނާއި ނަރުދަމާ އާއި ޑީވޯޓިން އާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންކުރާ ކޭބަލްތައް، މަގު ނުކޮނެ ފަސޭހައިން ގުޅާލެވޭނެ ގޮތްގޮތަށް ފަރުމާކުރެވިފައިވާނެ ކަމަށެވެ. އަދި މިހާރު ހުރި ހޮޅިތަކުގެ އިތުރުން ފަޔާ ހައިޑްރާންޓް ހޮޅިއާއި ގޭސްހޮޅި ހިމެނޭނެ ކަމަށްވެސް ވިދާޅުވި އެވެ.

މޫސާ އިތުރަށް ވިދާޅުވީ ގާ އަތުރައިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް އަންނަ ހޮނިހިރު ދުވަހުގެ ކުރިން ފަށާނެ ކަމަށާއި އެ މަސައްކަތަށް ވަޒީރުންގެ މަޖިލީހުން ވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ.

މި މަޝްރުއު ހިންގަނީ ދެ ސެގްމެންޓަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ސެގްމެންޓަށް ކަނޑައަޅާފައިވާ އަގަކީ 50.96 މިލިއަން ރުފިޔާ އެވެ. އަދި މުޅި ޕްރޮޖެކްޓަށް އަންދާޒާކޮށްފައިވާ ބަޖެޓަކީ 462 މިލިއަން ރުފިޔާ އެވެ. ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުން އެންމެ ފުރަތަމަ ހަދަން ފަށާނީ ވެސްޓްޕާކް ސަރަހައްދުގެ ހަތް މަގެކެވެ. އަދި ކޮންމެ މަގެއްގެ ދިގުމިނުގައި 1.94 ކިލޯ މީޓަރު ހުންނާނެ އެވެ.