ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗް ކަމަށް ހޮލެންޑްގެ މާޓިން ކުޕްމަން އަދި އޭނާ އެސިސްޓެންޓެއްގެ ގޮތުގައި ހޮލެންޑްގެ ރެނޭ ހިޑިންކް ހަމަޖައްސައިފި އެވެ.
ކޫޕްމަން އާއި ހިޑިންކް އެންމެ ފަހުން މަސައްކަތް ކުރީ ކެރީބިއަން ސަރަހައްދުގެ ކުޑަ ގައުމެއް ކަމަށްވާ އަރޫބާގެ ގައުމީ ޓީމުގަ އެވެ. ރެނޭ ހިޑިންކް އަކީ މަޝްހޫރު ކޯޗް ގޫސް ހިޑިންކްގެ ކޮއްކޮ އެވެ. ކޫޕްމަން އާ ގައުމީ ޓީމު ހަވާލު ކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ.
ކޯޗް ކަމުގެ ދަށުން ގައުމީ ޓީމަށް އެންމެ ފުރަތަމަ އޮތް މެޗަކީ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އަންނަ މާޗް މަހު ޗައިނާ އާ ދެކޮޅަށް ކުޅޭ މެޗެވެ. ރާއްޖޭގެ ކޯޗް ކަމާ ހަވާލުވުމަށް ފަހު ކޫޕްމަން ބުނީ އޭނާ މަސައްކަތް ކުރާނީ ޕޮޒެޝަން ހިފަހައްޓައި ރީތި އެ ޓޭކިން ގޭމެއް ކުޅުމަށް ކަމަށެވެ.
ކޫޕްމަން،63 ވަނީ ކުރިން ސައުދީ އަރަބިއްޔާގެ އެސިސްޓެންޓް ކޯޗްކަން ކޮށްފަ އެވެ. އަދި އެ ގައުމުގެ އަލް ނަސްރުގެ ހެޑް ކޯޗްކަންވެސް ކުރި އެވެ.
ކޫޕްމަންއަކީ، މި ފަސް އަހަރުތެރޭ ގައުމީ ޓީމަށް ހަމަޖެއްސި ފަސް ވަނަ ކޯޗެވެ. ގައުމީ ޓީމުގެ ކޯޗްގެ މަގާމު މިދިޔަ މަހު ކުރީ ކޮޅުން ފެށިގެން ހުސްވީ އެ މަގާމުގައި ހުރި ކްރޮއޭޝިއާގެ ޕީޓާ ޝެގަޓަށް ސައުތު އޭޝިއަން ގޭމްސް ކާމިޔާބު ނުކުރެވުމުން އޭނާގެ ކޮންޓްރެކްޓް އުވާލުމާ ގުޅިގެންނެވެ.