ހަބަރު

އަބަދުވެސް އިންޑިއާއެކު އެކުވެރިކަން ދަމަހައްޓާނަން: ޝާހިދު

Jan 26, 2020
3

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ އެންމެ ހާއްސަ ގުޅުން ކަމަށާއި އެ އެކުވެރިކަން އަބަދުވެސް ރާއްޖެއިން ދަމަހައްޓާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ އިންޑިއާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފަ އެވެ. ރާއްޖެއަށް އެންމެ ދަތިވާ ވަގުތުތަކުގައި އެންމެ އަވަހަށް އެހީތެރިވާ އެކުވެރިޔަކީ އިންޑިއާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ވަރުގަދަ ގުޅުން އިތުރަށް ބަދަހިކުރަން ބޭނުންވާނަމަ ދެ ގައުމުން ވެސް ގުޅިގެން މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. ދެ ގައުމުގެ ދެމެދު އޮތް ގުޅުމަކީ އެތައް އަހަރުތަކެއްގެ އިތުބާރާއެކު ބިނާވެފައިވާ ގުޅުމެއް ކަމަށް ވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ވަނީ ރާއްޖެއަށް ތައުރީފު ކުރައްވައި ޝުކުރު އަދާކުރައްވާފަ އެވެ.

ސަފީރު ވިދާޅުވީ ރާއްޖެއިން ވެސް އިންޑިއާއެކު ބާއްވަނީ ހާއްސަ ގޮތެއް ކަމަށާއި އެކަން ފާހަގަ ކުރައްވާ ކަމަށެވެ. ރާއްޖެއަކީ އިންޑިއާއަށް އަބަދުވެސް އެންމެ މުހިންމު އެކުވެރިޔާކަން ސަފީރު ފާހަގަ ކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ނައިބު ރައީސް ފައިސަލް ނަސީމާއި ސަރުކާރުގެ އިސްވެރިންނާއި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.