އެކްޓަރު-މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ ހިމޭޝް ރޭޝަމްޔާ މިހާރު ތައްޔާރުވަމުންދަނީ އޭނާގެ އާ ފިލްމު "ހެޕީ ހާޑީ އައުރް ހީރް" ރިލީޒް ކުރުމަށެވެ. ހިމޭޝް ލީޑް ރޯލު ކުޅެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ރާކާ އެވެ. ބަތަލާ އަކީ ސޯނިއާ މަން އެވެ. މި ފިލްމުގެ ވާހަކަ އެންމެ ގިނައިން ނޫސްތަކުގެ ސުރުހީތަކަށް އަރާފައިވާ މި ފލްމަކީ އިންޓަނެޓް ސެންސޭޝަން ރާނޫ މޮންޑަލް ލަވަކިޔުންތެރިއެއްގެ ގޮތުގައި ބޮލީވުޑަށް ތައާރަފްވާ ފިލްމަށް ވުމެވެ.
ފިލްމު ޕްރޮމޯޓްކުރުމުގެ ގޮތުން ޓޯކް ޝޯ އެއްގައި ވާހަކަ ދައްކަމުން ހިމޭޝް ބުނީ ސަލްމާން ޚާންގެ ފިލްމުތަކަށް ނޫނީ އޭނާ މިއުޒިކް ތައްޔާރުކޮށް ނުދޭނެ ކަމަށެވެ. ހިމޭޝް އަށް ބޮލީވުޑުން ފުރަތަމަ ބްރޭކް ދިނީ ސަލްމާނެވެ. އެހެންވެ އޭނާ އަބަދުވެސް ސަލްމާނަށް ޝުކުރުއަދާކޮށް އޭނާގެ އިހްސާންތެރިކަން ގަބޫލުކުރެ އެވެ.
"ސަލްމާން އަހަންނަށް ފުރުސަތު ދިނީ އެއްވެސް މީހަކަށް އަހަންނަށް މިއުޒިކް އުފެއްދިދާނެކަމަށް ގަބޫލު ނުކުރެވިފައި ހުއްޓާ،" ހިމޭޝް ބުންޏެވެ.
ސަލްމާނާ އޭނާގެ ފުރަތަމަ ބައްދަލުވީ ދުވަހުގެ ހަނދާން އާ ކުރަމުން ހިމޭޝް ބުނީ އޭނާގެ ބައްޕަ ވިޕިން ރޭޝަމްޔާ އަކީ ޕްރޮޑިއުސަރެއް ކަމަށާއި ސަލްމާނާއެކު އޭނާގެ ބައްޕަ އެއް ފިލްމެއްގައި މަސައްކަތް ކުރި ދުވަސްވަރު ހިމޭޝް އާއި ސަލްމާނާ ދިމާވީ ކަމަށެވެ. އަދި ހިމޭޝްގެ ކިބައިގައި ހުރި ހުނަރު ދެނެގަނެވުނީ ސަލްމާނަށް ކަމަށް ވެސް އޭނާ ބުންޏެވެ.
ސަލްމާން ނޫން މީހަކަށް މިއުޒިކް ތައްޔާޜުކޮށް ނުދޭން ހިމޭޝް ހުވާ ކޮށްގެން ހުރި ކަމަށާއި އެއީ ސަލްމާން އެދެފިނަމަ ނޫނެކޭ ބުނަން ނުކެރޭނެތީ ކަމަށް ހިމޭޝް ބުންޏެވެ.
"މިހާރު ވަރަށް ހުނަރުވެރި ގިނަ މިއުޒިކް ޑައިރެކްޓަރުންތަކެއް އެބަ އިންޑަސްޓްރީގައި މަސައްކަތް ކުރޭ. އެހެންވެ އަހަރެންގެ ފިލްމުތަކަށް ނޫނީ މިއުޒިކް ތައްޔާރުކުރަން އަހަރެން ބޭނުމެއް ނުވޭ. ނަމަވެސް ސަލްމާން އެދިއްޖެނަމަ އޭނާއަށް ކޮށްދޭނަން،" ހިމޭޝް ބުންޏެވެ.
ހިމޭޝްގެ "ހެޕީ ހާޑީ އައުރް ހީރް" ރިލިޒްކުރަން ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު އެވެ.