ދުނިޔެ

ކޮރޯނާ ވައިރަސް: މަރުވި މީހުންގެ އަދަދު 80 އަށް

Jan 27, 2020

ބެއިޖިންގް (ޖެނުއަރީ 27) - ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 3،000 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި، އޭގެ ތެރެއިން މިހާތަނަށް 80 މީހުން މަރުވެފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، އެ ބަލި ފެތުރޭ ދުވެލި މަޑުކުރުމަށް ޗައިނާގައި މިހާރު ފާހަގަކުރަމުންދާ ލޫނާ ނިއު އިޔާގެ ބަންދަށް ވަނީ ތިން ދުވަސް އިތުރުކޮށްފަ އެވެ.

އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރު ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ދަނީ އެ ބައްޔަށް ފަރުވާދިނުމަށް ހާއްސަ ދެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމް އެއްކޮށް ހުއްޓާލައިފަ އެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް ގައުމުތަކުން ވަނީ ފެނިފައެވެ. އެ ގޮތުން، ތައިލަންޑް، ހޮންކޮން، މަކާއޯ، ސައުތުކޮރެއާ، ޓައިވާން، ޖަޕާން، ނޭޕާލް، ސިންގަޕޫރު އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސް ފެނިފަ އެވެ.

އަދި އޮސްޓްރޭލިއާގެ އިތުރުން ފްރާންސް އިން ވެސް އެ ވައިރަސް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.

އެގޮތުން، ޗައިނާ އިން ބޭރުން 42 މީހެއްގެ ގައިން އެ ވައިރަސް ފެނިފައިވެ އެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހަކު މަރުވިކަމެއް ރަސްމީކޮށް ބުނެފައެއްނުވެ އެވެ.

ކޮރޯނާވައިރަސް އަކީ ކޮބާ؟

ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނާ ގޮތުންނަމަ، ކޮރޯނާވައިރަސްތަކަކީ އާދައިގެ ރޯގާ އިން ފެށިގެން މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މާސް) އާއި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ފަދަ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް އަސަރުކުރާ ބައްޔެކެވެ.

އެ ވައިރަސް އިންސާނުންނަށް ޖެހޭނީ ޖަނަވާރުންގެ ފަރާތުންނެވެ. ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި ސާސް ވައިރަސް އިންސާނުން ޖެހުނީ ބުޅަލުންކަމަށްވާއިރު، މާސް ވައިރަސް ފެތުރުނީ ޖަމަލުންނެވެ. އަދި އިންސާނުންގެ ހަށިގަނޑުން ނުފެންނަ އެ ޒާތުގެ ކިތަންމެ ވައިރަސްތަކެއް ޖަނަވާރުންގެ ހަށިގަނޑުގައި އުޅޭކަމަށް ވަނީ ހޯދިފަ އެވެ.

އަދި މިފަހަރު ޗައިނާއިން ފެނުނު 2019-އެންސީއޯވީގެ ނަމުން ނަންދީފައިވާ ވައިރަސްއަކީ މީގެ ކުރިން އިންސާނެއްގެ ހަށިގަނޑުން ފެނިފައިވާ ނުވާ ވައިރަސްއެއްކަމަށްވެސް ސިއްހީ މާހިރުން ވަނީ ބުނެފަ އެވެ. އަދި މި ވައިރަސްއާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ހޯދިފައިނުވި ނަމަވެސް، އެ ވައިރަސްއަކީ ގައިން ގަޔަށް އަރާ ވައިރަސްއެއްކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ވައިރަސް ޖެހުމުގެ އަލާމާތްތަކަކީ ކޮބާ؟

ދުނިޔޭގެ ސިއްހީ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި، މި ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ނޭވާލާ ނިޒާމަށް ކުރިމަތިވާ މައްސަލަތަކުގެ އިތުރުން، ކެއްސުމާއި، ހުން އައުމުގެ އިތުރުން ނެވާ ކުރުވެ، ނޭވާލާން އުނދަގޫވުން ހިމެނެ އެވެ.

އޭގެ އިތުރުން، ސީރިއަސް ކޭސްތަކުގައި ވައިރަސްޖެހޭ މީހުން ނިއުމޯނިއާ ޖެހުމާއި، ނޭވާލާ ނިޒާމަށް ބޮޑެތި މައްސަލަތައް ޖެހުމުގެ އިތުރުން، ކިޑްނީ ފެއިލްވުމާއި މަރުވުންވެސް އެކަށީގެންވާކަމަށްވެސް ޑަބްލިޔުއެޗްއޯއިން ބުންޏެވެ.

ސިއްހީ މާހިރުން ބުނާ ގޮތުގައި، އެ ވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުނަށެވެ. އޭގެ ތެރޭގައިވެސް، މީގެ ކުރިން ނޭވާލާ ނިޒާމަށް މައްސަލަތައް ކުރިމަތިވެފައިވާ މީހުނަށް ވައިރަސްގެ ނުރައްކާ ބޮޑުކަމަށް ބުނެފައިވެ އެވެ.