މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރުތަކާއި ސަރުކާރުގެ މުއައްސަސާތަކާއި ސްޓޭކް ހޯލްޑަރުންގެ މައުލޫމާތުތައް އެއް ވިއުގަކުން ލިބޭ ގޮތަށް ޕޯޓް ކޮމިއުނިކޭޝަން ސިސްޓަމް ގާއިމު ކުރުމަށް ނިންމައި އޭގެ ސާވޭ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
މި ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ޖަމިއްޔާއެއް ކަމުގައިވާ ސައުތު އޭޝިއާ ސަބްރީޖަނަލް އިކޮނޮމިކް ކޯޕަރޭޝަން (ސަސެކް) އިން ދެކުނު އޭޝިއާގެ ވިޔަފާރި ބަނދަރުތަކުގައި ޕޯޓް ކޮމިއުނިކޭޝަން ސިސްޓަމް ގާއިމު ކުރުމަށްޓަކައި ކުރިއަށް ގެންދާ ސާވޭ ޕްރޮގްރާމެކެވެ.
ރާއްޖޭގެ އެމްޕީއެލް ވިޔަފާރި ބަނދަރުގައި ޕޯޓް ކޮމިއުނިކޭޝަން ސިސްޓަމް ގާއިމު ކުރުމަށްޓަކައި ކުރިއަށް ގެންދާ ސާވޭ ގެންދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހާ ހަމައަށް ތިން ދުވަހުގެ މުއްދަތަކަށެވެ. އޭޑީބީން ކުރިއަށް ގެންދާ މި ސާވޭގައި އޭޑީބީގެ ސަސެކްގެ ފަރާތުން ތިން ކޮންސަލްޓެންޓުން ބައިވެރިވެ އެވެ.
މި ސާވޭ ހުޅުވުމުގެ ގޮތުން އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ ޕޯޓް ކޮމިއުނިކޭޝަން ސިސްޓަމްގެ މައިގަނޑު ބޭނުމަކީ ޕޯޓް ބޭނުން ކުރާ ހުރިހާ ވިޔަފާރިތަކާއި ސްޓޭކް ހޯލްޑަރުންގެ މައުލޫމާތުތައް އެއް ޕްލެޓްފޯމަކަށް ޖާމަ ކުރެވޭނެ ގޮތެއް ހަމަޖެއްސުމަށް ކަމަށެވެ.
"މި މަޝްރޫއަކީ ސަސެކް ޕްރޮގްރާމްގެ ދަށުން އޭޑީބީ އިން ފަންޑް އިން ކޮށްގެން ކުރިއަށް ގެންދާ ޕޯޓް ކޮމިއުނިކޭޝަން ސިސްޓަމް ގާއިމު ކުރަން ބޭނުންވާ މައުލޫމާތުތައް އެއްކޮށް ސާވޭ ގެންދިއުން. މި ސިސްޓަމްގެ މައިގަނޑު ބޭނުމަކީ ޕޯޓް ބޭނުން ކުރާ ހުރިހާ ފަރާތަކަށް، ސްޓޭކް ހޯލްޑަރުންނަށް ބޭނުން ކުރެވޭނެ ސިންގަލް ޕްލެޓްފޯމެއް ގާއިމު ކުރުން،" ޝާހިދު ވިދާޅުވި އެވެ.
އެއީ ދުނިޔޭގެ ގިނަ އެޑްވާންސް ޕޯޓްތަކުގައި ވެސް ބޭނުން ކުރަމުންދާ ސިސްޓަމެއް ކަމަށާއި އެ ސިސްޓަމް ގާއިމު ކުރުމުން އެމްޕީއެލްއަށާއި ޕޯޓް ބޭނުން ކުރާ ހުރިހާ ފަރާތަކަށް އޭގެ ފައިދާ ލިބިގެން ދާނެ ކަމަށެވެ. އެ ސިސްޓަމުން އެމްޕީއެލް އާއި އެހެން ވިޔަފާރި ބަނދަރުތަކާއި ސަރުކާރުގެ މުއައްސަސާތައް ގުޅުވައިދެވޭނެ ކަމަށާއި އެއީ ސަރުކާރުގެ ސިންގަލް ވިންޑޯ ޕްރޮގްރާމްގެ ވެސް ބަޔަކަށް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ގޮތުން އެ ސިސްޓަމް ގާއިމު ކުރެވުމުން ވިޔަފާރި ބަނދަރުތަކުގެ ހިދުމަތްތައް ހޯދުމަށް ވެސް އެމްޕީއެލް އަށާއި ސަރުކާރުގެ މުއައްސަސާތަކަށް ހުށަހަޅަން ޖެހޭ ބައެއް ލިޔެކިޔުންތައް ހުށަހަޅަން ޖެހޭނީ ހަމައެކަނި އެމްޕީއެލްގެ ސިސްޓަމްއަށެވެ. އެއިރުން އެ ސިސްޓަމް މެދުވެރިކޮށް އެހެން އިދާރާތަކަށާއި ސްޓޭކް ހޯލްޑަރުންނަށް އެ ލިޔެކިޔުންތައް ޑިސްޓްރިބިއުޓް ކުރެވިގެން ދާނެ އެވެ.