ޕީޕީއެމް

ޕީޕީއެމްގެ ޓިކެޓު ހޯދަން 1100 އަށްވުރެ ގިނަ ފޯމު

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގައި 1146 މީހަކު ކުރިމަތިލާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި މުއްދަތު މިދިޔަ ހުކުރު ދުވަހު ހަމަވިއިރު، 1146 މީހެއްގެ އެޕްލިކޭޝަން ފޯމު ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަތަރު ސިޓީގައި ވެސް އެ ޕާޓީގެ ޕްރައިމަރީ އޮންނާނެ އެވެ. އެއީ މާލެ ސިޓީ އާއި، އައްޑޫ ސިޓީ އާއި، ފުވައްމުލައް ސިޓީގެ އިތުރުން ދާދި ފަހުން ސިޓީގެ ދަރަޖަ ދިން ކުޅުދުއްފުށި ސިޓީގަ އެވެ. އަދި 14 އަތޮޅެއްގެ 51 ރަށެއްގައި ޕްރައިމަރީ ކުރިއަށް ދާނެ އެވެ.

ހީނާ ވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ މީހުންގެ އެޕްލިކޭޝަން ފޯމުތައް އެ ޕާޓީގެ ގާނޫނީ ވަކީލުންގެ ޓީމުން ބަލަމުންދާ ކަމަށާއި ގާނޫނީ ގޮތުން ބަލައިނުގަނެވޭ ފޯމުތައް ނުވަތަ ކަށަވަރު ނުކުރެވޭ ފޯމުތައް ބަލައިނުގަންނާޏެ ކަމަށެވެ. އެހެންކަމުން ޓިކެޓު ކަށަވަރުވާ ކެންޑިޑޭޓުން ޔަގީންވެގެން ދާނީ އޭގެ ފަހުން ކަމަށެވެ.

ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓު ލާއިރު އިންތިހާބު ކުރާ މެންބަރުންގެ އަދަދަށް ވޯޓު ލާން ޖެހޭނެ ކަމަށް ހީނާ ވިދާޅުވި އެވެ. އެއަށްވުރެ މަދުން ނުވަތަ އެއަށްވުރެ ގިނައިން ފާހަގަ ޖަހާފައިވާނަމަ އެ ވޯޓެއް ބާތިލް ވެގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓު ލުން ކުރިއަށް ގެންދިއުމަށް ބައެއް ތަންތަނާއި ސްކޫލްތައް ހޯދުމަށް އެދިފައިވާނެ ކަމަށް ޕީޕީއެމް އިން ބުންޏެވެ. އެ ގޮތުން މާލޭގައި ބަހައްޓާ ފޮށިތައް ދަރުބާރުގޭގައި ބެހެއްޓުމަށް އެދިފައިވެ އެވެ. އެ ތަންތަނުގައި ވޯޓު ފޮށިތައް ބެހެއްޓުމުގެ ހުއްދަ ލިބުމުން އެ ތަންތަނުގެ މައުލޫމާތު އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

ޕީޕީއެމްގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ ހަތްވަނަ ދުވަހުގަ އެވެ. އެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަންބަރުތައް ތަރުތީބު ކުރުމަށް ނަގާ ގުރުއަތުލުން އަންނަ ބުދަ ދުވަހު ޕީޕީއެމްގެ އޮފީހުގައި ކުރިއަށް ދާނެ ކަމަށް އެ ޕާޓީން ބުނެ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު، އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރާނީ އަންހެނުންނެވެ. އަދި ހަމަ އެ ދުވަހު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވާއިރު، އެ ކޮމިޓީތަކަށް 930 މެންބަރުން އިންތިހާބު ކުރާނެ އެވެ.