ދުނިޔެ

ކޮރޯނާ ވައިރަސް ކޮންޓްރޯލެއް ނުވޭ، މަރުގެ އަދަދު 100 އަށް ވުރެ މައްޗަށް

Jan 28, 2020

ބެއިޖިންގް (ޖެނުއަރީ 28) - ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު 100 އަށް ވުރެ މައްޗަށް އަރާފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ ވައިރަސް ގައިން ގަޔަށް އަރާކަން މިހާރު ކަށަވަރު ވެފައިވާއިރު، އެ ބަލި ޖެހުނު މީހުންގެ އަދަދު އިއްޔެ އެކަނިވެސް ވަނީ ގާތްގަނޑަކަށް ދެ ގުނަވެފަ އެވެ. މިދިޔަ އާދިއްތަ ދުވަހު އެ ވައިރަސް ޖެހިފައިވާ މީހުންގެ ރަސްމީ އަދަދު ހުރީ 2،835 ގަ އެވެ. އެކަމަކު އިއްޔެ އާންމުކުރި އަދަދު ހުރީ 4،515 ގަ އެވެ.

އެ ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރުވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

ޗައިނާ ސަރުކާރުން ދަނީ އެ ބައްޔަށް ފަރުވާދިނުމަށް ހާއްސަ ދެ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމް އެއްކޮށް ހުއްޓާލައިފަ އެވެ.

އަދި ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ އާ ސެމެސްޓާގެ ކިޔެވުންވެސް ވަނީ މުއްދަތެއްނެތް ގޮތެއް ފަސްކޮށްފަ އެވެ. އަދި ޗައިނާގެ ގިނަ ކުންފުނިތަކުގެ މުވައްޒަފުންވެސް މަސައްކަތަށް ނުނިކުތުމަށް ކުންފުނިތަކުން ދަނީ އަންގަމުންނެވެ.

ޗައިނާގެ އިތުރުން ނޮވެލް ކޮރޯނާވައިރަސް ގައުމުތަކުން ވަނީ ފެނިފައެވެ. އެ ގޮތުން، ތައިލަންޑް، ހޮންކޮން، މަކާއޯ، ސައުތުކޮރެއާ، ޓައިވާން، ޖަޕާން، ނޭޕާލް، ސިންގަޕޫރު އަދި އެމެރިކާއިންވެސް ވަނީ މި ވައިރަސް ފެނިފަ އެވެ.

އަދި އޮސްޓްރޭލިއާ، ކެމްބޯޑިއާ، ވިއެޓްނާމް، ކެނެޑާގެ އިތުރުން ފްރާންސް އިން ވެސް އެ ވައިރަސް މިހާރު ވަނީ ފެންނަން ފަށައިފަ އެވެ. އެންމެ ފަހުން އެ ވައިރަސް ޖެހިފައިވާ މީހަކު ފެނިފައިވަނީ އަވަށްޓެރި ސްރީލަންކާގެ އިތުރުން ޖަރުމަނުންނެވެ.

އެގޮތުން، ޗައިނާ އިން ބޭރުން 47 މީހެއްގެ ގައިން އެ ވައިރަސް ފެނިފައިވެ އެވެ. ނަމަވެސް، އޭގެ ތެރެއިން އެއްވެސް މީހަކު މަރުވި ކަމެއް ރަސްމީކޮށް ބުނެފައެއް ނުވެ އެވެ.