ދުނިޔެ

ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރުގެ ތުހުމަތުތަކާއެކު ޕްރެޝަރު ބޮޑުވެއްޖެ

Jan 28, 2020

ވޮޝިންގްޓަން (ޖެނުއަރީ 28) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަންގެ އާ ތުހުމަތުތަކަކާއެކު، އިމްޕީޗްމަންޓް ޝަރީއަތަށް އޭނާ ހާޒިރު ކުރުމަށް ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންނަށް ކުރިމަތިވެފައިވާ ޕްރެޝަރު އިތުރަށް ބޮޑުވެއްޖެ އެވެ.

ޓްރަމްޕް އިމްޕީޗް ކުރުމަށް ސެނެޓުގެ ޝަރީއަތް ފެށިފައިވާއިރު، އެމަނިކުފާނުގެ ދިފާއުގައި ވަކީލުންގެ ޓީމުންގެ އިއްޔެ ވަނީ ޔޫކްރެއިންގައި ހިނގަމުންދާ ކޮރަޕްޝަންގެ އަމަލުތަކަށް އަމާޒު އަނބުރާލައިފަ އެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ސެނެޓުގެ ޝަރީއަތުގެ ހަތް ވަނަ ދުވަހު، ޓްރަމްޕްގެ ޓީމުން އެ މަނިކުފާނުގެ ދިފާއުގައި ގާތްގަނޑަކަށް ހަތް ގަޑިއިރު ވާހަކަ ދައްކަމުން ދިޔައިރު، ބޯލްޓަން ނެރުމަށް ތައްޔާރުވަމުން އަންނަ ފޮތެއްގައި ޔޫކްރެއިން މައްސަލައާ ގުޅޭ ވަރުގަދަ ތުހުމަތުތަކެއް ހިމަނާފައި ވުމުން، ރިޕަބްލިކަން ސެނެޓަރުންނަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތިވެފަ އެވެ.

އެ ފޮތުގައި ބޯލްޓަން ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ބައިޑަންގެ ތަހުގީގެއް ހިންގުމަށް އެއްބަސް ނުވެއްޖެނަމަ، އެމެރިކާ އިން ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހިފަހައްޓާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ކަމަށެވެ.

ބޯލްޓަންގެ އެ ތުހުމަތުތަކާއެކު، ޔޫކްރެއިން މައްސަލާގައި ދިފާއީ ޓީމުން ދައްކަމުން އައި މައިގަނޑު ވާހަކައަށް ވެސް މިހާރު ވަނީ ހިޔަނި އެޅިފަ އެވެ. ޓްރަމްޕްގެ ޓީމުން ބުނަމުން އައި، ޔޫކްރެއިނަށް ދޭ އެހީއާ، ސިޔާސީ ތަހުގީގަކާ ގުޅުވާފައިނޯންނާނެ ކަމަށެވެ.

އޭގެ އިތުރުން، ޝަރީއަތުގެ ފުރަތަމަ ދުވަހުން ފެށިގެން ބޯލްޓަން އާއެކު ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ އަދި މިހާރުގެ އިސް އޮފިޝަލުން ހެކިންގެ ގޮތުގައި ހާޒިރުކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ގޮވަމުންދާ އަޑުތައްވެސް މިހާރު ވަނީ އިތުރަށް ގަދަވެފަ އެވެ.

އިތުރު ހެކިން ހާޒިރު ކުރަން ޑިމޮކްރެޓުން ހުށަހެޅި ހުށަހެޅުންތައް ތަކުރާރުކޮށް ބޭރުކުރަމުންދިޔަ ސެނެޓުގެ ކޮންޓްރޯލް އޮންނަ ބައެއް ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންގެ ހިޔާލު ބަދަލުވުންވެސް މިހާރު އެކަށީގެންވާކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ދިފާއީ ޓީމުގެ ވާހަކަތައް މިއަދު ނިންމަންޖެހޭއިރު، ދެ ފަރާތާ ކުރަން ބޭނުންވާ ސުވަލެއް ކުރުމުގެ ފުރުސަތު ސެނެޓަރުންނަށް ލިބޭނެ އެވެ. އެކަމަށް ކަނޑައަޅާފައިވަނީ 16 ގަޑިއިރެވެ. އަދި އޭގެ ފަހުން، ޝަރީއަތަށް ހެކިން ހާޒިރު ކުރުމަށް ސެނެޓުގެ ވޯޓަކަށް އަހާނެ އެވެ.

ބޯލްޓަންގެ ތުހުމަތުތައްވެސް ޓްރަމްޕް ވަނީ ދޮގުކުރައްވައިފަ އެވެ. އަދި އެ ވާހަކަތަކަކީ ބޯލްޓަންގެ ފޮތް ވިއްކުމަށް ހިމެނި ވާހަކަތަކެއް ކަމަށް ޓްރަމްޕް ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

ހައުސްގައި ރައީސަކު އިމްޕީޗު ކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރު ކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

އެހެންކަމުން، ރައީސްގެ މަގާމުން ޓްރަމްޕް ދުރު ކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓުގެ ތެރެއިން ވުން ދުރު ކަމެއްކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.