ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވެ ވަޑައިގަންނަވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތް ނުދެވެނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން ކަމަށް ޖޭޕީގެ ލީޑަރު އަދި މި ސަރުކާރު ކޯލިޝަން ޕާޓްނަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ޖޭޕީން ރޭ ބޭއްވި ޖަލްސާއެއްގައި ގާސިމް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ކަންކަން ލަސްވުމުގެ ސިއްރަކީ ސަރުކާރު ކޯލިޝަންގެ ބައިވެރިން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
ގާސިމް ވިދާޅުވީ ރައީސް ސޯލިހަކީ ވަރަށް މަޑުމައިތިރި ބޭފުޅެއް ކަމަށެވެ. އެ މަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ އަމިއްލަފުޅު ޕާޓީ ތެރޭގެ ބޮޑެތި ހަމަނުޖެހުންތަކާއެކު ވެސް ކެތްތެރިކަމާއެކުގައި ކަމަށެވެ. ކޯލިޝަންގެ ބައިވެރިއެއްގެ ހައިސިއްޔަތުން ޖޭޕީން އެކަމާ އުފާ ކުރާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ދެން ވިދާޅުވީ ރައްޔިތުން އެދޭ ދުވެލީގައި ހިދުމަތްތައް ދޭން ރައީސް ބޭނުންފުޅުވެ ވަޑައިގަންނަވާ ކަމަށާ ނަމަވެސް އެކަމަށް އޮތް ހުރަހަކީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުން ކަމަށެވެ.
"އަޅުގަނޑު މިއަދު އުފާކުރަން އަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އިހްލާސްތެރިކަމާއި މަޑުމައިތިރި ކަމާއެކު، އެ ޕާޓީގެ ތެރޭގައި ބޮޑެތި ގުޖަޑުތަކާއި ހަމަނުޖެހުންތައް ހުރި އިރުވެސް އެމަނިކުފާނު މި ސާބިތުކަމާއެކީ ކެތްތެރި ކަމާއެކީ ކުރިއަށް ގެންދަވާތީ. އެމަނިކުފާނު ބޭނުންފުޅުވާ ސްޕީޑްގައި ރައްޔިތުންނަށް ހިދުމަތްކޮށް ނުދެވިގެން މި އުޅެނީ އެމްޑީޕީގެ ތެރޭގައި އޮތް ބައިބައިވުމުގެ ސަބަބުން... އާދެ، އޭގެ ސަބަބުންކަން ކަށަވަރު." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ރައީސަށް ޖޭޕީ އައި އޭނާގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. އަދި ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށެވެ.
"އަޅުގަނޑުމެން ބަލަހައްޓައިގެން ތިބެމާ ހިނގާ ކިހާ ހިސާބަކަށްތޯ މި ދަތުުރުގައި އަޅުގަނޑުމެންނަށް ދެވެނީ. އެ ދެވޭ ހިސާބަކުން އަޅުގަނޑުމެންނަށް އެނގިދާނެތާ ގޯސްވަންޏާ، އެހެން ނޫންތޯ؟"
ދާދި ފަހުން ކ. ގުރައިދޫ އެމްޑީޕީގެ ހަރުގެއެއް ހުޅުވަން ބޭއްވި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްދު ނަޝީދު ވިދާޅުވީ ކޯލިޝަނަކުން ސަރުކާރު ހިންގަން ޖެހުމުން ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.
އެމްޑީޕީން އަދި ސަރުކާރުން ރައްޔިތުންނަށް ގެނެސްދޭން ބޭނުންވާ އެތައް މަޝްރޫއުތަކެއް ހުއްޓިފައި ވަނީ ކޯލިޝަންގެ ސަބަބުން ކަމަށެވެ. ނަޝީދު ވިދާޅުވީ ބައެއް ވުޒާރާތަކާއި، ކުންފުނިތައް ހިންގުމުގައި ތިބީ އެެހެން ޕާޓީތަކުގެ މެންބަރުން ކަމަށާ އޭގެ ސަބަބުން ރައީސްގެ ވިސްނުންފުޅަށް ވަރަށް ގިނަ ފަހަރަށް ހުއްޓުން އައިސް ހުރަސްތައް ކުރިމަތިވާ ކަމަށެވެ.