ފެބްރުއަރީ 8، 2012 ގައި އެމްޑީޕީން ކުރި މުޒާހަރާ ހުއްޓުވި އިރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި އޭރު ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކަށް ހަމަލާދިން މައްސަލަ އަލުން ބަލަން ނިންމައި ޝަރީއަތް ފަށައިފި އެވެ.
ރައީސް ނަޝީދުގެ، އެމްޑީޕީގެ ވެރިކަން ބަދަލުވި ފެބްރުއަރީ 7، 2012 ގައެވެ. ޖެހިގެން އައި ދުވަހު އެމްޑީޕީން ވަނީ އެތައް ހާސް ބަޔަކާއެކު މަގުމައްޗަށް ނުކުމެ ވަރުގަދަ މުޒާހަރާއެއް ކޮށްފަ އެވެ. ރައީސް ނަޝީދު އިސްކޮށް ހުންނެވި މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ވަރަށް ބޮޑަށް ބާރުގެ ބޭނުން ކޮށްފައެވެ. އެކަމުގެ ސަބަބުން ރައީސް ނަޝީދާއި އެމްޑީޕީގެ އިސް ބޭފުޅުންގެ އިތުރުން ގިނަ އަދަދެއްގެ އާންމުންނަށް އަނިޔާވެފައި ވެއެވެ.
މޫސާ މަނިކަށް ހަމަލާދީފައި ވަނީ ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދެވެ. އޭނާއަކީ ފުލުހުންގެ ވަޒީފާގައި ހުރި މީހެކެވެ.
ހަތް އަހަރު ފަހުން އެ މައްސަލަ އަލުން ބަލަން ފަށާފައިވާއިރު އިއްުޔެ އެ މައްސަލައިގެ ބައެއް ހެކިވެރިން ކޯޓަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކުރީގެ ބައެއް ނޫސްވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ ހިމެނި ވަޑައިގަންނަވަ އެވެ. ފިޔާޒް އޭރު މަސައްކަތް ކުރެއްވީ ހަވީރު ނޫހުގަ އެވެ.
މި މައްސަލަ އަލުން ބަލަން ފަށާފައިމިވަނީ ކްރިމިނަލް ކޯޓްގައި ފުނި ޖެހިފައިވާ ދުވަސްވީ މައްސަލަތައް އަވަހަށް ނިންމުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ. އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓްގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން ކުދިކުދި ބައެއް މައްސަލަތައް ޕީޖީ އޮފީހުން ވަނީ އަނބުރާ ގެނެސްފަ އެވެ.
ނަމަވެސް މޫސައަށް ހަމަލާދިން މައްސަލަ އަނބުރާ ނުގެނައުމަށް ޕީޖީން ވަނީ ނިންމާފަ އެވެ. މި މައްސަލަ ރައްދުވާ ގދ. ތިނަދޫ ރޯޒީވިލާއިރު މުހައްމަދު ވަހީދު ވަނީ މައްސަލަ އަނބުރާ ގެނައުމަށް އެދި ޕީޖީ އޮފީހުގައި ސިޓީއަކުން ވަނީ އެދިފަ އެވެ.
އެ މައްސަލަ ދޫކޮށް ނުލެއްވީ އެ މައްސަލައިގައި ހިމެނޭ އަނިޔާގެ ބައި ބޮޑުވުމާއި އެކަން ރައްދުވާ ފަރާތް އެއީ ފުލުހަކަށް ވުމުން ކަމަށް ވެއެވެ.
އެމްޑީޕީގެ މުހިންމު މަގާމުތައް ފުރުއްވި މޫސާ މަނިކު ފަހުން ވަނީ އެޕާޓީއާއި ދުރަށް ވަޑައިގެންފައެވެ. އަދި ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމަށް ފަހު އޭނާގެ ޒަމާންވީ ވާދަވެރިން އުފެއްދެވި ޕީޕީއެމްއާ ވަނީ ގުޅިވަޑައިގެންފަ އެވެ.