ދުނިޔެ

ޓްރަމްޕްގެ އިމްޕީޗްމަންޓް: ހެކިން ހާޒިރުކުރުން ހުއްޓުވަން ވޯޓު ހަމަނުވެދާނެކަމުގެ ބިރު

Jan 29, 2020

ވޮޝިންގްޓަން (ޖެނުއަރީ 29) - އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗުކުރުމާގުޅޭ ޝަރީއަތަށް ހެކިން ހާޒިރުކުރުމާމެދު ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންގެ މެދުގައި ހިޔާލުތަފާތުވެ، އެކަން ހުއްޓުވަން ބޭނުންވާ އަދަދަށް ވޯޓު ހަމަނުވެދާނެކަމުގެ ބިރު ހީވެއްޖެ އެވެ.

ޓްރަމްޕް އިމްޕީޗު ކުރަން އެ ގައުމުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގެއިން މިދިޔަ މަހު ވަނީ ފާސްކޮށްފަ އެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައި ވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސް އެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރު ކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާން ކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ. ޓްރަމްޕާ ދެކޮޅަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން ބައިޑަން ވަނީ އިއުލާނު ކުރައްވައިފަ އެވެ.

ރިޕަބްލިކަނުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް އިތުރުވީ ޓްރަމްޕްގެ ކުރީގެ ސެކިޔުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަން ކުރެއްވި އާ ތުހުމަތުތަކާއެކު އެވެ.

ބޯލްޓަން ނެރުމަށް ތައްޔާރުވަމުން އަންނަ ފޮތެއްގައި ޔޫކްރެއިން މައްސަލައާ ގުޅޭ ވަރުގަދަ ތުހުމަތުތަކެއް ހިމަނާފައި ވުމުން، ރިޕަބްލިކަން ސެނެޓަރުންނަށް ވަނީ ވަރަށް ބޮޑަށް ޕްރެޝަރު ކުރިމަތިވެފަ އެވެ.

އެ ފޮތުގައި ބޯލްޓަން ތުހުމަތު ކުރައްވާފައިވާ ގޮތުގައި، ބައިޑަންގެ ތަހުގީގެއް ހިންގުމަށް އެއްބަސް ނުވެއްޖެނަމަ، އެމެރިކާ އިން ޔޫކްރެއިނަށް ދޭ އަސްކަރީ އެހީ ހިފަހައްޓާނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވި ކަމަށެވެ.

ބޯލްޓަންގެ އެ ތުހުމަތުތަކާއެކު، ޔޫކްރެއިން މައްސަލާގައި ދިފާއީ ޓީމުން ދައްކަމުން އައި މައިގަނޑު ވާހަކައަށް ވެސް މިހާރު ވަނީ ހިޔަނި އެޅިފަ އެވެ. ޓްރަމްޕްގެ ޓީމުން ބުނަމުން އައި، ޔޫކްރެއިނަށް ދޭ އެހީއާ، ސިޔާސީ ތަހުގީގަކާ ގުޅުވާފައިނޯންނާނެ ކަމަށެވެ.

އޭގެ އިތުރުން، ޝަރީއަތުގެ ފުރަތަމަ ދުވަހުން ފެށިގެން ބޯލްޓަން އާއެކު ޓްރަމްޕްގެ ސަރުކާރުގެ ކުރީގެ އަދި މިހާރުގެ އިސް އޮފިޝަލުން ހެކިންގެ ގޮތުގައި ހާޒިރުކުރުމަށް އިދިކޮޅު ޑިމޮކްރެޓުން ގޮވަމުންދާ އަޑުތައްވެސް މިހާރު ވަނީ އިތުރަށް ގަދަވެފަ އެވެ.

ޓްރަމްޕްގެ ދިފާއުގައި ވަކީލުންގެ ވާހަކަތައް އިއްޔެ ނިންމާލާފައިވާއިރު، ދެ ފަރާތާ ކުރަން ބޭނުންވާ ސުވަލެއް ކުރުމުގެ ފުރުސަތު ސެނެޓަރުންނަށް ލިބޭނެ އެވެ. އެކަމަށް ކަނޑައަޅާފައިވަނީ 16 ގަޑިއިރެވެ. އަދި އޭގެ ފަހުން، ޝަރީއަތަށް ހެކިން ހާޒިރު ކުރުމަށް ސެނެޓުގެ ވޯޓަކަށް އަހާނެ އެވެ.

އިތުރު ހެކިން ހާޒިރު ކުރަން ޑިމޮކްރެޓުން ހުށަހެޅި ހުށަހެޅުންތައް ތަކުރާރުކޮށް ބޭރުކުރަމުންދިޔަ ސެނެޓުގެ ކޮންޓްރޯލް އޮންނަ ބައެއް ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންގެ ހިޔާލު ބަދަލުވެފައިވާ ކަމުގެ އަޑުތައް މިހާރު ވަނީ އިވެން ފަށައިފަ އެވެ. އެގޮތުން، ސެނެޓުގެ މެޖޯރިޓީ ލީޑަރު ވަނީ ރިޕަބްލިކަން ޕާޓީގެ ސެނެޓަރުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި އެ ބައްދަލުވުމުގައި ހެކިން ހާޒިރުކުރުން ހުއްޓުވަން ބޭނުންވާ އަދަދަށް ވޯޓު ހަމަނުވާކަމަށް މެޖޯރިޓީ ލީޑަރު ވިދާޅުވިކަމަށް މެންބަރަކާ ހަވާލާދީ ބައެއް ބޭރު މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

ސެނެޓު ބެހިފައިވާގޮތަށް ބަލާއިރު، ހެކިން ހާޒިރުކުރަން ފާސްކުރުމަށްޓަކައި އިދިކޮޅު ޑިމޮކްރެޓުންނަށް ރިޕަބްލިކަން ޕާޓީގެ މަދުވެގެން ހަތަރު ވޯޓު ބޭނުންވެ އެވެ.

ނަމަވެސް، ޕާޓީގެ އިތުރުން ރައީސްގެ ޕްރެޝަރުގެ ސަބަބުން، ހެކިން ހާޒިރުކުރުމާ އެއްކޮޅަށް ވޯޓުދޭން ރިޕަބްލިކަނުންނަށް ނުކެރިދާނެކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

ހައުސްގައި ރައީސަކު އިމްޕީޗު ކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރު ކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

އެހެންކަމުން، ރައީސްގެ މަގާމުން ޓްރަމްޕް ދުރު ކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓުގެ ތެރެއިން ވުން ދުރު ކަމެއްކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.