ހަބަރު

މިދިޔަ ދައުރުގެ ފަހު ޖަލްސާގައި ފާސްކުރި ހަތަރު ބިލު ތަސްދީގު ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ފަހު ޖަލްސާގައި ފާސްކުރި ހަތަރު ބިލު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ރައީސް މިއަދު ތަސްދީގު ކުރައްވައި، ގެޒެޓްގައި ޝާއިއުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވި އެ ދައުރުގެ ފަހު ޖަލްސާގައި ފާސްކުރި ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލު ކުރުމުގެ ބިލާއި ބޭންކިންއާ ބެހޭ ގާނޫނަށް އެއް ވަނަ އިސްލާހު ގެނައުމުގެ ބިލުގެ އިތުރުން ބިމާބެހޭ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު އަދި އެކްސްޓްރަޑިޝަންގެ ބިލެވެ.

މިއަދު ތަސްދީގު ކުރެއްވި ހަތަރު ބިލުގެ ތެރެއިން ތިން ބިލަކީ ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ބިލްތަކެވެ. އަނެއް ބިލަކީ ސަރުކާރު ހިމެނޭ ޕީޕީއެމަށް ނިސްބަތްވާ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލެކެވެ.