ޑރ. ހުސައިން ރަޝީދު ހަސަން

އާދަޔާ ހިލާފަށް ގިރާތީ ދިރާސާ ކުރަނީ

ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ގިރަމުންދާ ކަމަށާ މި ބަދަލުތައް އަންނަ ސަބަބުތައް ދިރާސާކޮށް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް އެންވަޔަމަންޓް މިނިސްޓަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާޅޮސްމަޑުލު އުތުރުބުރީގައި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖައްސާނެ ގޮތަކާ ގުޅޭގޮތުން އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާކުރުމަށްޓަކައި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ކަމާގުޅޭ ވުޒާރާތަކުން ބޮޑުތިލަދުންމަތީގައި ކުރިއަށް ގެންދަމުންދާ ސިލްސިލާ މަސައްކަތު ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

މި މަސައްކަތު ބައްދަލުވުމުގެ މަގްސަދަކީ މާޅޮސްމަޑުލު އުތުރުބުރީގައި ހިމާޔަތްކޮށްފައިވާ ތިން ސަރަހައްދު ކަމަށްވާ ށ. ބޮލިއްސަފަރު، ށ. ފަރުކޮޅު އަދި ށ. ނާލާހުރާ ފިނޮޅުގެ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލުމެވެ. މި ޕްލޭން އެކުލަވާލުމަށް މި ބައްދަލުވުމުގައި ބައިވެރިވީ ޅައިމަގު، މަރޮށި، ، ކޮމަންޑޫ، ކަނޑިތީމު، ގޮއިދޫ، ފުނަދޫ، އަދި ނަރުދޫގެ އިދާރާތަކާއި، ޖަމިއްޔާތަކުންނެވެ.

މިއަދުގެ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ ހުސައިން ވިދާޅުވީ އިންސާނުންގެ އަމަލުތަކުގެ ސަބަބުން ގުދުރަތީ މައުހައުލާއި ނިޒާމުތަކަށް އަންނަ ނޭދެވޭ ބަދަލުތައް ވަރަށް ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ރަށްތައް އާދަޔާ ހިލާފަށް ގިރަމުންދާކަން ފާހަގަކޮށް، މި ބަދަލުތައް އަންނަ ސަބަބުތައް ދިރާސާކޮށް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އީޕީއޭގެ ސާވޭ ޓީމް މި މައްސަލަތައް ދިރާސާކުރުމަށް މިހާރުވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިިނިސްޓަރު މިއަދު ވަނީ ށ. ފުނަދޫގެ ރަށް ގިރާ ސަރަހައްދު ބައްލަވާލައްވާފައެވެ. އަދި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ށ. ފަރުކޮޅާއި ނ. ބޮޑުޅައިމެންދޫއަށް ވެސް ވަޑައިގެންފައެވެ.