ޑރ. މުހައްމަދު ޖަމީލް އަހުމަދު

ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ އެމްޑީޕީ: ޖަމީލް

ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ އެމްޑީޕީ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެ ޕާޓީ އާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ސަރުކާރެއް ގެނައުމަށް މަސައްކަތް ކުރެއްވުމަށް ފަހު އެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖަމީލް މިއަދު ފާޑުވިދާޅުވީ ވަކި ބަޔަކަށް ނޫނީ ވަޒީފާ ނުދޭ ކަމަށާ ސަރުކާރުން މަޝްރޫއުތައް ދެމުން ދަނީ ވަކި ބަޔަކަށް ކަމަށް ތުހުމަތުވާ ގޮތަށް ކުރެއްވި ޓްވީޓެއްގަ އެވެ.

ޖަމީލް ވިދާޅުވީ އައްޑޫ ސިޓީގައި ސިވިލްސާވިސްގައި ހަމަޖެހިފައިވާ އުސޫލުން ވަޒީފާ ލިބި އެކަމުގެ ޔަގީންކަން ލިބިފައި ތިބި މީހުން ވެސް މިއަދު އެއް ފަރާތް ކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުގެ ކޮންޓްރެކްޓްތައް ދެމުން ގެންދަނީ އެމްޑީޕީގެ އެކްޓިވިސްޓުންނަށް ކަމަށެވެ.

"ކޮންޓްރެކްޓްތައް ވެސް ލޯ މަރާލާފައި ދެނީ ބޮޑު އަގު ހުށައަޅާ ޕާޓީގެ އެކްޓިވިސްޓުންނަށް."

ޖަމީލް ވަނީ އެޖެންޑާ 19 އިން ގެނެސްދޭން ބުނި އިންސާފަކީ މިއީތޯ ސުވާލު ކުރައްވާފަ އެވެ.

"ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ މިއީ. ބޮޑު ސޯބު އެނބުރޭ ގޮތަށް." އެމްޑީޕީއަށް ފާޑުވިދާޅުވަމުން ޖަމީލް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ސަރުކާރު ވެރިކަމަށް އައީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކޮރަޕްޝަންގެ ބޮޑެތި އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އެފަދަ އަމަލުތަކަށް އިންސާފު ގާއިމްކޮށް ކޮރަޕްޝަން ނައްތާލާނެ ކަމުގެ ވައުދާ އެކުގަ އެވެ.

ރައީސް ސޯލިހު ވަނީ މި ސަރުކާރުން ކޮރަޕްޝަނަށް ގެންގުޅޭނީ "ޒީރޯ ޓޮލަރެންސް" ސިޔާސަތު ކަމަށް ވެސް ވިދާޅުވެފަ އެވެ. ނަމަވެސް ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ ވަބާ އޮތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ވެސް ފާޑު ކިޔަމުންނެވެ.