ދުނިޔެ

ކޮރޯނާ ވައިރަސް: މުޅި ދުނިޔެ އެލާޓުގައި ތިބެން ގޮވާލައިފި

Jan 30, 2020

ބެއިޖިންގް (ޖެނުއަރީ 30) - ޗައިނާ އިން އުފަންވެގެން ބާރު ސްޕީޑުގައި ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް އާދެކޮޅަށް މުޅި ދުނިޔެ އެލާޓުގައި ތިބެންޖެހޭކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ޗައިނާގެ ހުރިހާ ސަރަހައްދަކުން މިހާރު ކޮރޯނާ ވައިރަސް ފެތުރިފައިވާއިރު، އެ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 170 އަށް ވަނީ އަރާފަ އެވެ.

އަދި މިހާތަނަށް 7،711 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، އެ ވައިރަސް ޖެހިފައިވާ މީހުން ވަނީ ތަފާތު 16 ގައުމަކުން ފެނިފަ އެވެ.

ނަމަވެސް، އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ޗައިނާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ޑަބްލިޔުއެޗްއޯގެ ހެލްތު އެމަޖަންސީސް ޕްރޮގްރާމްގެ ވެރިޔާ ޑރ. މައިކް ރަޔަން ވަނީ ތައުރީފު ކުރައްވައިފަ އެވެ.

ބައިނަލްއަގުވާމީ ހެލްތު އެމަޖަންސީއެއްގެ ގޮތުގައި ކަނޑައެޅުމާމެދު ޑަބްލިޔުއެޗްއޯއިން އަނެއްކާވެސް މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ.

ޗައިނާ އިން ފެނިގެން އުޅޭ ނުރައްކާތެރި އާ ކޮރޯނާ ވައިރަސް އޮސްޓްރޭލިއާގެ ސައިންސްވެރިން އަމިއްލަ އަށް އުފައްދެމާއެކު ވެކްސިނެއް ހޯދުމުގެ އުއްމީދު ވަނީ ބޮޑުވެފަ އެވެ.

އެ ވައިރަސް ފެތުރުން ހުއްޓުވަން ޗައިނާ ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، އެ ވައިރަސް ފެންނަ ސިޓީތަކަށް ދަތުރުކުރުން މިހާރުވެސް ވަރަށް ބޮޑަށް ހިފެހެއްޓިފައިވާއިރު، ޗައިނާ ސަރުކާރުން ވަނީ އެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފަ އެވެ.

އެ ވައިރަސް އެންމެ ފުރަތަމަ ފެނުނު ވޫހާން ސިޓީ ވަނީ ބަންދުކޮށް، ދަތުރުފަތުރުގެ ނިޒާމް އެއްކޮށް ހުއްޓާލައިފަ އެވެ.

ޗައިނާގައި ތިބި އެކި ގައުމުތަކުގެ މީހުން، އަނބުރާ ގެންދިޔުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި މި ދަނޑިވަޅުގައި ޗައިނާ އަށް ދަތުރުނުކުރުމަށް ގިނަ ގައުމުތަކުން ވަނީ ރައްޔިތުންނަށް އަންގައިފަ އެވެ. ބައެއް ގައުމުތަކުން ޗައިނާ އިން އަންނަ މީހުނަށް އޮން އެރައިވަލް ވިސާ ދިނުންވެސް ހުއްޓާލަމުންދާއިރު، ބްރިޓިޝް އެއާވޭސް އިން އިއްޔެ ވަނީ ޗައިނާއަށް ކުރާ ދަތުރުތައް މުއްދަތެއްނެތް ގޮތަށް ހުއްޓާލައިފަ އެވެ.